theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އެންމެ ގިނައިން ހެޔޮ ކަންކަމަށް އަމުރުކުރާ އިރު އެންމެ ގިނައިން ދޮގު ހަދަނީ ހަލާލު ގޮތުގައިތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
އެންމެ ގިނައިން ހެޔޮ ކަންކަމަށް އަމުރުކުރާ އިރު އެންމެ ގިނައިން ދޮގު ހަދަނީ ހަލާލު ގޮތުގައިތަ؟
04 ފެބްރުއަރީ 2026
މާލެ ސިޓީ

ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ. ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105)

މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ.

މިކަންބަޔާން ކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”

ދޮގުހެދުމަކީ ނިފާޤުކަމާއި ގުޅިފައިވާ ޢަމަލެކެވެ. ދޮގުހެދޭކަން އިޙްސާސްވާނަމަ، އެއީ ތިބާގެ ގައިގައި ނިފާޤުކަމުގެ މިންވަރެއް ހުރިކަމުގެ ހެއްކެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

((آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [رواه البخاري]

މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

މިއީ ދޮގު ހެދުމާ އަދި އެކަމުގައި ބހުރި ނުބައިކަން އަންގާދީ މީގެ 1400 އެތައް އަހަރެއް ކުރިން އަހަރުމެން މުސްލިމުންނާ ހަމައަށް އަހަރުމެން ވެރި ރައްބު އަހަރުމެންނަށް އަންގަވާފައިވާ ބަސްފުޅުތަކާ މި އުއްމަތަށް ކައު ކުރެއްވި އެންމެ މާތް ސާހިބާގެ ބަސްފުޅުތަކެވެ.

ކަންކަން މިހެން ހުރުމުން ދޮގުގެ ނުބައިކަން ހިތަށް ތަސައްވުރު ވެއެވެ. ނަމަވެސް ދޮގު ހަދާއިރު އަނގައަށް ވަންޏެއްވެސް އަރުވާ ނުލާ ދޮގު ހަދާ މީހުންގެ ކުޅަދާނަ ކަމާ ކެރުންތެރިކަމޭވެސް ހިތަށް އަރައެވެ. އޭގެ އެއް މިސާލަކީ އަހަރުމެންގެ 2.0ގައި ލިބިފައި ހުރި ދޮގުވެރި ރައީސޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔގަިނެވެ.

ވެރިކަމަށް އައިއްސުރެ އެމަނިކުފާނު ތެދެއް ހެދި ދުވަހެއް މަދޭ ބުނެވިދާނެއެވެ. އެމަނިކުފާނަކީ ފެންނަ ފެނުމުގައި ދީނާ ރައްޓެހި ދީނީ ކަންކަމަށް ނުހަނު ލޯބިކުރާ ވެރިއެކެވެ. ނަމަވެސް އެ އޮޑިއެއްގައި ހުރިވަރު އެނގޭނީ އެ އޮޑިއެއް ދުއްވާލުމުންނޭ ބުނާ އުސޫލުން ރައީސް މުހައްމަދު މުއިއްޒުގެ ފެންނަވާ ފަންވަރުވެސް މި އެނގެނީ އެމަނިކުފާނާ އެކު އެމަނިކުފާނުގެ މާލިމީ ކަމުގައި ގައުމުގައި އުޅެން ޖެހުމުންތާއެވެ.

ތެދެއް ހެދެން އޮތް ތަނެެއްގައިވެސް އެމަނިކުފާނު ދޮގެއް ނޫނީ ނުހައްދަވާކަން މިއީ މިއަދު ގައުމުގެ ކުދި ބޮޑު އެންމެންވެސް ދަންނަ ހަގީގަތެކެވެ. ހަގީގީ މާނައިގައި އެމަނިކުފާނަކީ ދޮގުވެރިއެއް ކަމަށް ގައުމުގެ ގިނަ ރައްޔިތުން މިއަދު އިއްތިފާގުވެސްވެއެވެ.

ސަރުކާރުން މުސާރަ ނަގައިގެން ތިބޭ ކުދިންކޮޅު އެމަނިކުފާނަކީ މިގައުމު ނުދެކޭހާ ރަގަޅު ހެޔޮ ލަފާ ރައީސެއް ކަމަށް މެޑަލް ޖަހަމުން ދެއެވެ. އެމަނިކުފާނަކީ ހެޔޮ ކަންކަމަށް އެންމެ ގިނައިން އަމުރު ކުރެއްވި ރައީސް ކަމާ އެމަނިކުފާނުގެ ނަން ތާރީޚުގައި އެގޮތުގައި ލިޔެވިގެންދާނެ ކަމަށް ބުނެއެވެ.

ތެދަކަށްވެދާނެއެވެ. ނަމަވެސް ހަމަ އޭގެ އަނެއް ކޮޅު ވެސް އެބަ އޮތެވެ. ރައީސް މުއިއްޒު ހައްދަވާ ދޮގާ އެކު އެމަނިކުފާނު ވެގެންދާނީ ދިވެހި ތާރީޚުގައި އެންމެ ގިނަ ދޮގު ހެއްދެވި ރައީސަށްވެސް މެއެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް އޮޅުވާލާ އެންމެ އަވަހަށް ވައުދާ ޚިދާލުވި ރައީސަށްވެސް ވާނެކަން ޔަގީނެވެ. މިބުނީ ހުސް ގޮނޑީގެ ވާހަކައެވެ.

ހެޔޮ ކަންކަމަށް އަމުރުކުރާއިރު ތިމާގެ ނަފްސުވެސް އެކަމުގައި ދެމި ހުންނަން ދީން ބާރު އަޅައެވެ. އެހެން މީހުންނަށް ގޮތް ކިޔައިދޭއިރު އެކަމުގައި އެންމެ ފުރަތަމަ އަމަލުކުރާ މީހަކަށް ތިމާ ވާން ޖެހެއެވެ.

ދޮގުހަދައިގެން ނޫނީ ސަލާމަތް ނުވާނޭ ފަދަ ދަނޑިވަޅުގައި ވެސް ތެދު ބުނުމަށް ކެރެން ވާނެއިރު ރައީސް މުއިއްޒު އާންމުކޮށް ގެންދަވަނީ ސަލާމާތްވާން ވެސް ދޮގު ހަދަމުންނެވެ.

ދުނިޔެމަތީ އެފަދައިން ދޮގު ހަދައިގެން ތިބާއަށް ސަލާމަތް ވެވިދާނެއެވެ. އެހެން ނަމަވެސް ހިސާބު ބެއްލެވޭ ދުވަހު ތިބާ ހަދާނީ ވަކި ކޮން ދޮގެއް ހެއްޔެވެ؟ އެދުވަހުން ތިބާގެ ގުނަވަންތައް ތިބާ ކުރި ކަންތަކާ ހެކިދޭނެއެވެ. އެކަމާ ތިބާ ބިރުގަންނާށެވެ.

އެންމެ ގިނައިން ހެޔޮ ކަންކަން އަމުރުކުރިޔަސް އަދި ކަމަކު ނުދާނެއެވެ. ތިމާއަކީވެސް އެ އަމުރަށް ކިޔަމަންވާ ނަމޫނާ ދައްކާ މީހަކަށް ވާންވާނެއެވެ.

އަމުރު ކުރަން ބޭނުމިއްޔާ ފުރަތަމަ ދަސްކުރަން ޖެހެނީ ކިޔަމަންވާށެވެ.

ރައީސް މުއިއްޒުއެވެ. އެންމެ ގިނައިން ހެޔޮ ކަންކަމަށް އަމުރުކުރާ އިރު އެންމެ ގިނައިން ދޮގު ހަދަނީ ހަލާލުވެގެންތީ އަމިއްލަ ނަފްސާ ސުވާލުކުރައްވާށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved