
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާ އަދި އަނބިކަބަލުން ސާޖިދާ މުހައްމަދުގެ މާލީ ބަޔާން ދެ އަހަރާ ބައިގެ ފަހުން ހާމަކުރުމުން އެކަމާ ގުޅުވާ ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުވިދާޅުވުން އަމާކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ މާލީ ބަޔާން ހާމަކުރިއިރު، ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި، ދިމްޔާތު މުސާރަ އަދި ހެލްތުގެ ކޮންސަލްޓަންޓެއްގެ ގޮތުންނާ އެކު ތިން ތަނަކުން އާމްދަނީ ލިބޭކަން ހާމަވެފައިވެއެވެ.
އެގޮތުން ރައީސް މުއިއްޒުގެ މާލީ ބަޔާނުގައި ފާއިތުވި ހަ މަސްދުވަހު މެޑަމް ސާޖިދާއަށް ލިބިފައިވާ އާމްދަނީގެ އަދަދުތައް ވެސް ހިމަނާފައިވެއެވެ. އޭގެ ކުރިން ހިނގި މުއްދަތުގައި އެކަމަނާގެ އާމްދަނީއަށް ލިބިފައިވަނީ ކިހާ ވަރެއްކަން އެ ބަޔާނުން އެނގެން ނެތެވެ.
މެޑަމް ސާޖިދާއަށް މިދިޔަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 282،926ރ. ލިބިފައިވެއެވެ. އެއީ ރައީސްގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ގޮތުގައި 199،999ރ. އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78،000ރ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ލިބުނު 4،927ރ.އެވެ.
މެޑަމް ސާޖިދާއަކީ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންގެ ތެރެއިން ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ވަޒީފާއެއް އަދާކުރައްވާ ހަމައެކަނި ބޭފުޅާއެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެކުލަވާލާ ދައުލަތުގެ ބަޖެޓުންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ، އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޑިސެމްބަރު 11، 2023 ގައި ހާޒިރުވެސް ކުރިއެވެ.
ފަސްޓް ލޭޑީގެ ޒިންމާތަކާއެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަން ބޭނުންވާ ކަމަށް ސާޖިދާ ހެލްތު މިނިސްޓްރީއަށް ރިކުއެސްޓް ކުރިކަމަށް ސީއެސްސީގެ މެމްބަރުން ކޮމީޓީގައި އެ ދުވަހު ބުނެފައިވެ އެވެ. ސިވިލް ސާވިސްގެ ވަޒީފާގެ މުސާރަ ނަގަން ބޭނުން ނުވާ ކަމަށް މެޑަމް ސާޖިދާ ދެންނެވިކަން އެ ދުވަހުގެ ކޮމިޓީގައި އޭރު ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވިއެވެ.
އުޖޫރައަކާ ނުލައި އެއްވެސް މީހެއް ލައްވައި މަސައްކަތް ކުރުމަށް ސީއެސްސީ ގަވާއިދު ތަން ނުދޭތީ ސާޖިދާއަށް ކޮންމެވެސް އުޖޫރައެއް ހަމަޖައްސަން ލާޒިމުވި ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.
ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ސީއެސްސީން ސާޖިދާއަށް ދިނީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓުގެ ދަށުން މަހަކު 40 ގަޑިއިރު, ގަޑިއިރަކަށް 75 ރުފިޔާގެ ރޭޓުން މަސައްކަތް ކޮށްދޭން ޖެހެއެވެ.
ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 33،330ރ. އެވެ. ދިމްޔާތު ކުންފުނީގެ މައި ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ސާޖިދާ އެވެ. އެހެންކަމުން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތީ ސާޖިދާއަށް މަހަކު އެ ލިބިވަޑައިގަންނަވަނީ 821ރ.އެވެ.
މިކަން ކަމަށް އިޝާރާތް ކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތިން ހަތަރު ޓީވީ ސްޓޭޝަން ދިމްޔާތު ކުންފުނިން ހިންގަމުން، 4 ވަރަކަށް ފުޓްބޯޅަ ކްލަބު ހިންގަމުން، ރައްޔިތުންގެ މަޖްލިސް މެމްބަރުންނަށް ބަހާކަމަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ ފައިސާ ހޯދަނީ ކިހިނެއް ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
ހަމައެހެންމެ ޔޫކޭ އެމްބަސީއަކީ ދިމްޔާތު ކުންފުނީގެ ބައެއްތޯ ސުވާލު އުފައްދަވާ ޑރ ޖަމީލު ވަނީ އެތަނުގެ މުވަައްޒަފުން ލީޑްސްއަށް ގެންދަނީ އަދި ޕާސަނަލް ކަންތަކަށް ބޭނުންކުރަނީ މަގާމުގެ ނުފޫޒުން ކަމަށް ވިދާޅުވެފައެވެ އެއީ ސިވިލް ސަރވިސްގެ ގަވާއިދު ބަދަލުކޮށްގެން ފަސްޓް ލޭޑީގެ މަގާމުގައި ހުރެ ސަރުކާރުގެ މަގާމު ހިފަހައްޓައިގެން އުޅޭގޮތަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން ޑރ ޖަމީލު ވަނީ ފަސްޓު ލޭޑީގެ ކިބައިން ރީތި ނަމޫނާއެއްވެސް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.










