
ކޮންމެ ދުވަހަކު ވެސް ރައީސް މުހައްމަދު މުއިއްޒު ރާވަނީ އެމަިކުފާނުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ޖަލަށް ލުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އަދަދު ނޫހާ މެދު ކަންކުރި ގޮތާ އަދި ކުރީގެ ތިން ރައީސުން މިހާރު ގުޅިގެން ކުރަން ނިންމާފަިއވާ މަސައްކަތަކަށް އަލި އަޅުވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ، މިއަދު ފެންނަމުން ދަނީ، ރައީސް މުއިއްޒުގެ އަނިޔާވެރިކަމުގެ ހެކިތައް ކަމަށެވެ. އެކަންކަމާ ގުޅިގެން ބޮޑުވަމުން އަންނަ ރުޅިވެރިކަމާއި އާންމުންގެ ހިތްހަމަނުޖެހުން ކުޑަކޮށްލަން އެމަނިކުފާނު މަސައްކަތްކުރަމުން ގެންދާވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް، ފެނާކާ ކުރިގެ އެމްޑީ މުއާޒް، އަދި އެމްޕީއެލްގެ ކުރިގެ ސީއީއޯ ވަޖީހުމެން އެންމެންނަކީ ވެސް ރައީސް މުއިއްޒުގެ ގާތް އެކުވެރިންކަމަށްވާއިރު އެ އެންމެން ވަޒީފާއިން ވަކިކުރި އިރު، އެ އެންމެންގެ މައްޗަށް ކުރެވުނު ޖިނާއީ ތަހުގީގުން ރައްކާތެރިކޮށްދީކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ، ޚުދު ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ތުހުމަތަށް އަމާޒުވެ އެކަމުގެ ޒިންމާ އަމިއްލައަށް އުފުލަންޖެހޭ ކަމަށާއި އެއިން ލިބޭ ފައިސާއިން ސީދާ ފައިދާ ލިބެމުންދާ ކަމަށް ތުހުމަތުކުރެވޭކަން ވެސް ފާހަގަކުރައްވާ ޑރ.ޖަމީލު ވަނީ، ނޫސްވެރިން ނިޒާމީ ގޮތެއްގައި ޖަލަށްލުމާއި، ކޯޓުތަކަށާއި މީޑިއާ ކޮމިޝަނަށް މީޑިއާއާ ދެކޮޅަށް ހަރުކަށި ބާރުތައް ލިބިދޭ ގާނޫނުތަކުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ފިއްތާލުމަށް އަޅާ ފިޔަވަޅުތައްވެސް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސްގެ މުޅި ކޮންޓްރޯލް ފޯރުވުމުގެ މަޤްޞަދުގައި ކުރިން ރާވާފައިވާ ދުސްތޫރީ ބަދަލުތަކުގެ ތެރެއިން ޗެކްސް އެންޑް ބެލެންސްތައް ފައިދާހުރި ގޮތެއްގައި ނައްތާލާފައިވާ ކަމާ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ކުރެއްވި އެއް އަމަލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ކަންވެސް ޑރ ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.
ކަންކަން އެހެން ހުރިއިރު، ކުރީގެ ތިން ރައީސަކު ގުޅިގެން ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަން ދިފާއު ކުރާއިރު، ކޮންމެ ދުވަހަކު ވެސް ރައީސް މުއިއްޒު ރާވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ޖަލަށް ލުމަށް ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ބަސްތަކަކީ އޮޅުވާލާ ބަސްތަކެއް ކަމަށާއި އެއީ ހަމައެކަނި ރައީސްގެ ހައިސިއްޔަތުން އޭނާގެ ނާކާމިޔާބީތައް ފޮރުވަން ކުރާ މަސައްކަތެއްގެ ގޮތުގައިވެސް ސިފަކުރައްވާ ޑރ ޖަމީލު ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ސުލޫކު ވަނީ ގައުމަށް މަލާމާތުގެ މަސްދަރަކަށްވެފައި ކަމަށވެސް ވިދާޅުވެފައެވެ.
ރައީސް މުއިއްޒަކީ ހަމައެކަނި ކުޑަ ކުއްޖެއް ނޫން ކަމަށާއި، ރައިސް މުއިއްޒަކީ ސީދާ ނަޒާހަތްތެރިކަން ކުޑަ އަދި ނާގާބިލް މީހެއް ކަމަށްވެސް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައީސް މުއިއްޒުގެ އަމަލުތަކާއި، ދިރިއުޅުމުގެ އަގު ބޮޑުވުމާއި، ވެރިކަން ރޫޅާލުމުގެ ސަބަބުން އެމަނިކުފާނުގެ ރިފަރެންޑަމަށް ދެކޮޅު ހެދި 70 ޕަސެންޓު އާންމުންގެ އަދަދު 90 ޕަސެންޓަށް އަދި އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައެވެ..
ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވަނީ އާންމުން މިހާރު ބޭނުންވަނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.










