ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލާއެކު، ރައްޔިތުން އުއްމީދުކޮށްގެން ތިބީ ފާގަތި އަދި އުފާވެރި ދުވަސްތަކަކަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރާ ގާތަށް ޖެހިލާއިރު، ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ދުވަހަކު ނުވެއްޓޭހާ ދަށް ދަރަޖައަކަށް ވެއްޓި، ރައްޔިތުން މިއަދު މިވަނީ އެންމެ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައެވެ.
މިއަދު ގައުމުގެ ކޮންމެ ދިމާލަކުންވެސް އިވެނީ ރައްޔިތުންގެ އާހުގެ އަޑެވެ. ކައްކާ ގޭސް ފުޅި ހުސްވެ، ގޭސް ލިބޭނެ ގޮތެއް ނެތި، އާދައިގެ ރައްޔިތުން ކައްކާނެ ގޮތެއް ނެތިފައި ތިބިއިރު، ސަރުކާރުގެ އިސްވެރިންނާއި މަހުޖަނުން ފެންނަނީ މާ ތަފާތު ގޮތަކަށެވެ. ރައްޔިތުން ހާލުގައި ޖެހިފައިވާއިރު، ސަރުކާރުގެ މައިގަނޑު އަމާޒަކީ ބޮޑެތި މަހުޖަނުންގެ ޖީބުތައް ފުރައިދިނުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާދައިގެ ރައްޔިތުމީހާ ދެ އިރު ދެދަޅައަށް ގަރުދިޔަ އާއި ބަތް ކައިގެން ތިބޭން ސަރުކާރުން ބުނި ނަމަވެސް މިއަދު އެވެސް ކެއްކޭނެ ގޮތެއް ނެތެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ކާބޯތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ. ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނުކުޅެދިފައިވާއިރު، އޭގެ ސީދާ އަސަރު ކުރަނީ އާންމު ރައްޔިތުންގެ ޖީބަށެވެ. ބޭސްފަރުވާއަށާއި، ދަރިންގެ ތައުލީމަށް ބޭނުންވާ ޑޮލަރުކޮޅު ނުލިބިގެން ރައްޔިތުން ސަލާންޖަހަން ޖެހިފައިވާއިރު، ސަރުކާރުން ބަޖެޓުގެ ބޮޑުބައި ހޭދަކުރަނީ ސިޔާސީ މަގާމުތަކަށާއި އިސްރާފުތަކަށެވެ.
ރާއްޖޭގެ ހާލަތު މިހާ ދަށަށް ގޮސްފައިވާއިރު، ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަނީ ފަރުވާކުޑަ ކަމެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި، ފެންނަނީ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން، ސަރުކާރުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ ހަގީގީ ހާލަތު އިހުސާސް ނުވާ ކަމަށް ބުނެ އާންމުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ގައުމުގެ ހާލަތު ބަދަލުކުރުމުގެ ނަމުގައި ވެރިކަމަށް އައި ޕީއެންސީއަށް، ރައްޔިތުންގެ އިތުބާރު މިއަދު ވަނީ ގެއްލިފައެވެ. އެންމެ އާދައިގެ ކަންކަމުގައިވެސް ރައްޔިތުން މިވަނީ ނިކަމެތިވެފައެވެ. ކަރަންޓު ބިލާއި ފެން ބިލު އަތް ނުފޯރާ ފަށަށް ގޮސް، ލިބޭހާ މުސާރަކޮޅުން ބިލުތައް ނުދެއްކިގެން ސަލާންޖަހަން ޖެހިފައިވާ އާއިލާތައް މަދެއް ނޫނެވެ. ނުވިތާކަށް ރައްޔިތުންނަށް ލިބޭ ފައިސާކޮޅުވެސް މަދުކުރަނީއެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ބޮޑު ސުވާލެކެވެ. ބަދަލަކަށް އަދިވެސް ވޯޓު ދޭންވީ ޕީއެންސީއަށްތޯއެވެ؟ ނުވަތަ މި ނިކަމެތިކަމުން ސަލާމަތްވުމަށް އާ މިސްރާބަކަށް ދަތުރުކުރަންވީތޯއެވެ؟ ގައުމުގެ މުސްތަގުބަލާއި، އަންނާން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި ގޮތް ނިންމާނީ ހަމަ ރައްޔިތުންނެވެ. ސަރުކާރުގެ އިހުމާލުން ގައުމު މިވަނީ ނުރައްކާތެރި ފުންވަޅުގަނޑަކަށް ވެއްޓިފައެވެ. މި ހާލަތުން ގައުމު ސަލާމަތްކުރުމުގެ އިހުތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.