ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދޭ ޕްލެޓްފޯމު "ރުކުރި" ތައާރަފްކޮށްފިއެވެ.
އައިލެންޑް ރެކްރޫޓްސްއިން އުފައްދާފައިވާ، އެ ޕްލެޓުފޯމު ތައާރަފްކޮށްފައިވަނީ 31 ޖެނުއަރީ 2026 ވީ ހޮނިހިރު ދުވަހުއެވެ. ބާސެލޯސް ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓުފޯމު ތައާރަފްކޮށްފައިވާއިރު، ޕްލެޓުފޯމުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓަލިޓީ ދާއިރާއަށް އަންނަ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ފަސޭހަކަމާއެކު އެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތާއި އެ ދާއިރާއިން ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ ފަރާތްތައް އެއް ޕްލެޓްފޯމެއްގެ ދަށަށް ގެނައުމެވެ.
"ރުކުރި"ގެ ތެރެއިން ލަގްޒަރީ ރިސޯޓުތަކުން ހުޅުވާލާ ލީޑަރޝިޕް ފުރުސަތުތަކާއި ގެސްޓްހައުސް، ރެސްޓޯރަންޓް، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެހެނިހެން ތަންތަނުގައި ހުރި ފުރުސަތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މި ޕްލެޓްފޯމުން ވަޒީފާގެ ފުރުސަތުތައް ހޯދުމާއި ވަޒީފާތަކަށް ކުރިމަތިލުން ފަސޭހަވެގެންދާނެއެވެ.
މި ޕެލްޓުފޯމު މެދުވެރިކޮށް ވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކަށް ވަގުތުން އެ އެޕްލިކޭޝަނެއްގެ ޕްރޮސެސްކުރިއަށްދާގޮތް ބަލައިލެވޭނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުންވެސް އެ ވަޒީފާއަށް މީހަކުނެގުމުގެ މަރުހަލާ ދެފުށް ފެންނަ ގޮތެއްގައި މި ޕްލެޓްފޯމުގެ ތެރެއިން ކުރިއަށްގެންދާނެއެވެ.
ރުކުރިގެ ކޯ ފައުންޑަރ އަލީ ފާއިޒް ވިދާޅުވީ އެ ޕްލެޓްފޯމުގެ މަގުސަދަކީ ވަޒީފާއަށް މީހުން ނެގުމުގެ ކަންކަން ފަސޭހަކޮށްދީ، ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ މަސައްކަތްތެރިން ބާރުވެރިކުރުވައި، ވަޒީފާ ދޭ ފަރާތްތަކަށް ވަޒީފާއަށް މީހުން ނެގުމުގެ ކަންކަން އެތައް ގޮތަކުން ލުއިވެގެންދާނެ ކަމަށްވެސް އަލީ ފާއިޒް ވިދާޅުވިއެވެ.