
އެފްއެސްއެމް އިން ޖެޓީތަކާއި ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް ލޯންޗު ފެރީގެ ހިދުމަތްދޭ ކުންފުނިތަކުން ވިއްކާ ޓިކެޓުގެ އަގުތައް އުފުލިއްޖެ އެވެ.
މާލެ އާއި އަތޮޅުތެރެއާ ދެމެދު ދަތުރުކުރާ ގިނަ ލޯންޗުފަހަރުގައި ހުންނަ އިންޖީނަށް ބޭނުންކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 27.13ރ. ބޮޑުކޮށްފަ އެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުން އަންނަނީ 28ރ. އަށް ވުރެ ބޮޑުކޮށެވެ.
ޗެނަލް 13 އަށް މައުލޫމާތު ލިބުނު ގޮތުގައި ލޯންޗު ފެރީ ޓިކެޓުގެ އަގުތައް ވަނީ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު އުފުލިފަ އެވެ.
ބައެއް ރަށްރަށަށް ދަތުރުު ކުރާ ލޯންޗުތަކުން ކުރިން ކޮޅަކަށް 300ރ. ނެގި ނަމަވެސް މިހާރު ދަތުރުގެ އަގު 500ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި 250ރ. އަށް ކުރަމުން އައި ދަތުރުތައް ވަނީ 450ރ. އަށް ބޮޑުކޮށްފަ އެވެ.
ރ. އަތޮޅުގެ ރަށްރަށަށް ފުޅާ ދާއިރާއެއްގައި ފެރީ އޮޕަރޭޓުކުރާ ކުންފުންޏަކުން ވެސް ވަނީ 750ރ. އަށް ކުރަމުން އައި ދަތުރުގެ އަގުތައް 1،000ރ. އަށް ބޮޑުކޮށްފަ އެވެ.
މި އަތޮޅުތަކުގެ އިތުރުން ވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ކަނޑުދަތުރުފަތުރު ކުރުމުގެ އަގުތައް ވަނީ ވަރަށް ހަލުވިކޮށް އުފުލެން ފަށާފަ އެވެ.










