އަދުގެ ރައީސް އެއީ ކުރީ ސަރުކާރުގެ ކޮން މަގާމެއްގައި ހުރި ކާކުތޯ ސުވާލު އުފެއްދެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ކުންފުނީގެ ޗެއާރމަން ގާސިމް އިބްރާހިމުއެވެ. މުއިއްޒު 15 ބުރިއަށް ގެ ހިއްލެވީ ވެސް ޕްރޮޖެކުޓު ސައިޑުން ލިބުނު "ކޮޅު ދާލިން"ނޭ ބުނީ ވެސް ހަމަ އެ ގާސިމްއެވެ.
ސިޔާސީ ގޮތުން ހަމަ އިސްކޮޅަށް ދެމިލާފައި ވާހަކަ ދައްކާ ކޮންމެ މީހަކުވެސް މި ހަނދާން ހުންނާނެއެވެ.
2023ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި މުއިއްޒަށް ނިސްބަތްކޮށް ވަރަށް ރުޅިގަދަވެ ހުރެ ގާސިމް ދެއްކި ވާހަކަ އަހަރުމެން ހަނދާން އެބަ ހުއްޓެވެ. ސިޔާސީ މަސްރަހުގެ އޮޔާ ވަޔާ ބަދަލުވެގެން ގޮސް މިއަދު އެދުވަހު ކީހާ ޅެން ފަރިއްސަށްވެ ސަނާ ކިޔާ ސެލިއުޓު ނަގަމުން ގާސިމް ގެންދަނީ ކީއްވެކަން އެއީ އެކަކަުވެސް ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫނެވެ. އެހެނީ އެކަން މިހާރު މިދަނީ މުޅި ދުނިޔެއަށާ ގައުމަށްވެސް ހާމަވެ ނިއުޅެމުން ކަމަށްވުމުންނެވެ.
އެގޮތުން ކުރިން މުއިއްޒު ކަމު ނުގޮސްގެން ނިކަން ރުޅި އައިސް ޕްރޮޖެކުޓުތަކުން ކޮޅު ދާލި ކޮޅު ކޮޅު ނަގައިގެން އަމިއްލަ ބައްޕާފުޅުގެ ގެ އިމާރާތްކޮށް ބުރި ބުރިއަށް ހިއްލެވި ކަމަށް ތުހުމަތުކޮށް އެ ވާހަކަ ދެއްކި ގާސިމަށް މިއަދު މުއިއްޒު ވަރެއްމެތިގެން އުޅެނީ ގާސިމަށްވެސް މި ސަރުކާރުބް "ކޮޅު ދާލި" ލިބޭތީއެވެ.
އިހަކަށް ދުވަހުވެސް އެ ފެންމަތިވީ އެފަދަ ވާހަކައެކވެ. ގައުމުގައި އޮތް ރައްޔިތުންގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން ގޭސް ހުސްވެ ގޮތް ހުސްވެ ވިލާ ކުންފުނި ކައިރިއަށް ސަލާން ޖަހައިގެން، ގޭސް ގަތީއެވެ. 7 ލައްކައެވެ. ލާރި ދެއްކީ ޑޮލަރުން ކަމަށްވެއެވެ. ޑޮލަރު ނެގީ ބޭންކު ރޭޓުން ކަމަށްވެސް ވެއެވެ.
ނުވިތާކަށް މިހާރު ސަރުކާރުން ނިންމާފައި އޮތީ ވިލާއިން ގޭސް ގެންނަ ބޭރުގެ ކުންފުނިން އެސްޓީއޯއަށްވެސް ގޭސް ގެންނަންށެވެ. އެކަމުގައިވެސް ނަމަވެސް ހުރިހާ މޮޅެއް އޮތީ ގާސިމްއަށެވެ. އެއީ 2500 ޓަނުގެ ގޭސް ގެންނައިރު ފުރަތަމަ ގޭސް އަޅަނީ ވިލާ ކުންފުންޏަށެވެ. އެއީ 1500 ޓަނެވެ. އޭގެ ފަހުން ބާކީ 1000 ޓަނު އެސްޓީއޯއަށެވެ. ނަމަވެސް އެއީ އެސްޓީއޯއިން މަހެއްގެ މައްޗަށް ކޭޓަރ ކުރަން ޖެހޭ ޑިމާންޑަށްވުރެ 15 ދުވަހުގެ މަދު ސަޕްލައި އެމަންޓެކެވެ. އެހެންކަމުން ކޮންމެ 30 ދުވަހަކުން 15 ދުވަހު އެސްޓީއޯގައި ޣޭސް ނުހުންނާނެއިރު އެ ފަނަރ ދުވަހު އަނެއްކާވެސް ގޭސް ގަންނަން ޖެހޭނީ ވިލާއިންނެވެ. އަގު ބޮޑުކޮށް ޑޮލަރުން ހަމަ ޕޭ ކުރާ ގޮތަށެވެ. ބޭންކު ރޭޓަށެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ގައިމު އެ ފައިސާކޮޅު ވެސް ދިވެހި ރުފިޔާއިން ނަގާ ނަމަވެސް ކިހާ ހެޔޮފުޅުވީސްތޯއެވެ.
މިއީ އެހެންކަމުން ގާސިމް ދިވެހި ރައްޔިތުންގެ ފައިސާއިން ނަގާ ކޮޅު ދާލިއެވެ. ރައްޔިތުން ބޭނުމަށް ޖެހިފައިވާ ވަގުތުގައި ދީލަތި އަތެއް ދިއްކޮށްލަންވުމުން ބޮޑެތި މަހުޖަނުން މިގެންދަނީ ފައިކޭޓު ފުރާ، އަންބޮޑި ބާރަށް ބަންނަމުންނެވެ.
މީގެ އިތުރުން ގާސިމްގެ ކުންފުނި ކަމަށްވާ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަން ވެސް އަދި ދިވެހިން ހަނދާން ނުނެތެއެވެ.
ކޮންމެ ކަމެއްގައި ތިމަންނާ އަކީ އަލިފެއް ކަމަށް ހެދިގެން ގާސިމް އުޅުނަސް ގާސިމް ގޮވަނީ ގުދޯ ގުދޯއެވެ. އެހެން މީހުން ބުރަކަށީ އޮތް ގުދު ދައްކަން އިނގިލި ދިއްކޮށްލާއިރު ތިމާ ބުރަކށީ އޮތް ގުގު ނުފެނެތާ ދޯއެވެ.
އެދުވަހު މުއިއްޒު ކޮޅު ދާލި ނަގައިގެން ގެއެއް އިމާރާތްކުރި ވާހަކަ ދެއްކި މީހާ މިއަދު ރައްޔިތުންގެ ފައިސާ ހާމަކަން ބޮޑުގޮތުގައި ނަގަމުން ދަނީ ހަމަ ކޮޅުދާލި ނޫންތޯއެވެ. މިކަހަލަ ވާހަކަ ދެއްކީމާ ގާސިމް ބުނާނީ ކަލޭމެން ފަގީރުވުމަކީ ތިމަންނަ މައްސަލައެއް ނޫނެކޭއެވެ. ކަލޭމެން ފަގީރުވަނީ ކަލޭމެންގެ ކަންނެތް ކަމުންނޭއެވެ. ނަމަވެސް ހަގީގަތަކީ ރައްޔިތުން ނިކަމަވެތިވަނީ ރައްޔިތުންގެ ފައިސާ ސިޔާސީ މީހުންނާ ވެރިންވެސް ވައްކަން ކޮށް ޖަރީމާ ހިންގާތީއެވެ.
ގޭސްހުގެ ކަންތަކުގައިވެސް މިއުޅެނީ އެފަދަ ކަމެކެވެ.