April 30, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގައި ކުޑަކުދިން ގެއްލުން އާންމުވެ، އިންސާނީ ވަގުފާރީގެ ނުރައްކާ ބޮޑުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 16, 2026, 12:03 AM
މާލެ ސިޓީ

އިންޑިއާގެ އެކި ސަރަހައްދުތަކުން ވީނުވީއެއް ނޭނގި ކުޑަކުދިން ގެއްލޭ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތަށް ގެއްލޭ ކުދިންނަށް ދިމާވާ ކަންތައްތަކާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

Advertisement

ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާގައި ކޮންމެ އަހަރަކު އެތައް ހާސް ކުދިންނެއް ގެއްލެއެވެ. މީގެ ތެރެއިން ގިނަ ކުދިން ގެއްލުމުގެ ފަހަތުގައި ވަނީ ނުރައްކާތެރި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) އެވެ.

މީގެ އިތުރުން، މިގޮތަށް ވަގަށް ނަގާ ކުދިން ގިނަ ފަހަރަށް ބޭނުންކުރަނީ މަޖުބޫރުން މަސައްކަތް ކުރުވުމަށާއި، ހަށިވިއްކުމުގެ ނުރައްކާތެރި ވިއުގަތަކުގެ ތެރޭގައެވެ. އަދި ބައެއް ހާލަތްތަކުގައި މިފަދަ ކުދިންނަށް ޖިންސީ ގޯނާ އާއި ރޭޕް ފަދަ ލާއިންސާނީ އަމަލުތައް އަމާޒުވެ، އެކުދިންގެ ފުރާނައަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެން.ސީ.އާރު.ބީ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންމެ އަހަރަކު އެތައް ހާސް ކުދިންނެއް ގެއްލިގެން ރިޕޯޓްކުރެއެވެ. މީގެ ތެރެއިން ބައެއް ކުދިން ފެނުނު ކަމުގައިވިޔަސް، ބޮޑު އިންސައްތައެއްގެ ކުދިން ވީނުވީއެއް ނޭނގި މިއަދާ ހަމައަށްވެސް ވަނީ ގެއްލިފައެވެ. މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ފަގީރު އަވަށްތަކާއި އާބާދީ ބޮޑު ސިޓީތަކުގައެވެ.

ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މިގޮތަށް ކުދިން ވަގަށް ނަގާ ގްރޫޕްތަކުން އެންމެ ބޮޑަށް އަމާޒުކުރަނީ މަގުމަތީގައި އުޅޭ ކުދިންނަށާއި، ރައްކާތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށެވެ. މި ކުދިން ވަގަށް ނަގައިގެން ގައުމުގެ އެކި ހިސާބުތަކަށް އުފުލައި، ސަލާން ޖެހުމަށާއި، ގޭގޭގެ މަސައްކަތްތަކުގެ އިތުރުން ނުރައްކާތެރި ކާރުޚާނާތަކުގައި މަސައްކަތް ކުރުވުމަށް ބޭނުންކުރެއެވެ.

މި ބިރުވެރި ހާލަތުން ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި އިންޑިއާގެ ފުލުހުންނާއި އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އިންސާނީ ވަގުފާރީގެ މި ވިއުގަ ވަނީ މުޅި ގައުމަށް ފެތުރިފައެވެ. މިއީ މިއަދު އިންޑިއާގައި އާންމުވެފައިވާ، އަދި ހައްލުކުރަން ނުހަނު އުނދަގޫވެފައިވާ އިޖުތިމާއީ ބޮޑު ވަބާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved