
މުޅި ރާއްޖޭގެ ވައިގެ ފެންވަރު ނުވަތަ އެއަރ ކޮލިޓީ ދަށްވެފައިވާތީ، އާންމު ސިއްހަތަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗް.ޕީ.އޭ އިން ހާމަކުރި ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުސާފުވެފައިވާއިރު، ވަކިން ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ވައިގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހޯދުންތަކުން ދައްކާގޮތުގައި، މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ވެސް މިގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އަދި މިކަމާ ގުޅިގެން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއްކަން އެޗް.ޕީ.އޭ އިން ފާހަގަކުރެއެވެ.
ވައިގެ ފެންވަރު ދަށްވާ ދުވަސްވަރު، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށާއި، ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.










