
އެބޯލާ ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެސްޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.
ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިއްމު ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިހާރު ފެތުރެމުންދާ އެބޯލާގެ ބާވަތަކީ ބަންޑިބުގްޔޯ ވައިރަހެވެ. މި ބާވަތުގެ ވައިރަހަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވާތީ، ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި، ބަލިޖެހިފައިވާ މީހުންނާ ގާތްނުވުމަކީ މިވަގުތަށް އޮތް އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސިއްހީ މާހިރުން ދެކެއެވެ.
ރާއްޖޭގެ ސިއްހީ އިދާރާތަކުން މި ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް އެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި މި ބަލީގައި މިފަހުން ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން 80 މީހަކު ވަނީ މަރުވެފައެވެ.
ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.
މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑަކީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވެ، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓި، އެތެރެއަށާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަތައް ކުރިމަތިވެއެވެ.










