
ހެނދުނު 10:00އިން ހަވީރު 4:00އަށް އަތްވަށް ނުނިކުންނަން އިލްތިމާސްކޮށްފިއެވެ.
މި ފަދަ އިލްތިމާސްއެއް ދިވެހި ރައްޔިތުންނަށް ކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުންނެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާތީ ރައްްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެ ވަގުތުތަކުގައި ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ އަތްވަށް ނުނިކިތުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދައިން އިލްތިމާސްކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތްތައް ޝާމިލުވާ ގޮތަށެވެ.
މީގެއިތުރުން ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ކުލަ އަލި ގަޔަށް ފަސޭހަ ދޫ ހެދުމެއް ލައިގެން އުޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެސް ވެއެވެ.
މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ.
މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަަމަށް މެޓް އޮފީހުން ބުނެއެވެ. ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ ވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެންމެ ހުނޫ ގަދަވާނީ މެންދުރުފަހު 2 ޖަހާއިރުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.










