
އަނެއްކާވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށްކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ވައިގެ ސާފުމިން ބަލާ އެޕް އައިކިޔުއެއާ ވިޝުއަލް އިން ދައްކާގޮތުން، ރާއްޖޭގެ އުތުރަށް ވައިގެ ސާފުމިން ހުރީ 159 ގައެވެ. އަދި މާލޭ ސަރަހައްދުގައި ވައިގެ ސާފުމިން ހުރީ 154 ގައެވެ. މިއީ ސިއްހީ ގޮތުން ނުރައްކާ މިންވަރެކެވެ.
މިކަމާ ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް، އަނެއްކާވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.










