
މާލޭގެ މ. ކައިރުގޭގައި ހުރި "ޕްރައިމް އެއް ނަމްބަރު" ގުދަނުގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއެކު، ގުދަނުގައި ހުރި ގަސްކާނާ ތަކުގައި ރޯވެ، މުޅި ސަރަހައްދަށް ކެމިކަލް އެކުލެވޭ ވިހަ ދުން ފެތުރި އާންމުންގެ ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ.
ކުރީގެ ޑްރަގް ކޯޓާއި، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ އިންވެގެން ހުރި މި ގުދަނުގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިރޭ ދަނީ މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ވައި ނުހަނު ބޮޑަށް ތަޣައްޔަރުވެފައި ވާއިރު، ދުމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ބައެއް އާއިލާތަކުން މިހާރު ވަނީ ވަގުތީ ގޮތުން ހުޅުމާލެ ފަދަ ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުހިންމު މަސައްކަތްތައް ވެސް ވަނީ މިރޭ ވަގުތުން މެދުކަނޑާލާފައެވެ.
ގަސްކާނާ އަނދައިގެން އުފެދޭ ދުމަކީ ނޭވާލާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދޭނެ އެއްޗަކަށް ވުމުން، އެ ސަރަހައްދުގައި އުޅޭ މީހުން މާސްކު އެޅުމަށާއި، ގޭގޭގެ ކުޑަދޮރުތައް ބަންދުކޮށްގެން ތިބުމަށް އާންމުން އެކަކު އަނެކަކަށް ދަނީ އިލްތިމާސް ކުރަމުންނެވެ.
އެޗްޕީއޭ ފަދަ ސިއްހީ އިދާރާތަކުގެ ރަސްމީ އިރުޝާދެއް މިހާތަނަށް އާންމުވެފައި ނުވި ނަމަވެސް، މި ނުރައްކާތެރި ދުމުގެ އަސަރު ހުރި ސަރަހައްދުތަކުގައި ތިބި މީހުން އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ، ބޭރަށް ނުނިކުތުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެކެވެ.










