
އެމެރިކާއިން ކުރިމަތިކުރި ވަރުގަދަ ޕްރެޝަރުތަކާއި އިންޒާރުތަކަށް ކެތްނުކުރެވި، ރަޝިޔާގެ އަގުހެޔޮ ތެޔޮ ބޭނުންކުރުން އިންޑިއާއިން ވަރަށް ބޮޑަށް މަދުކޮށްފިއެވެ. މީގެ ކުރިން ރަޝިޔާގެ ކްރޫޑް އޮއިލް އެންމެ ގިނައިން ގަންނަ ގައުމުގެ ގޮތުގައި އޮތް އިންޑިއާއިން މި ނިންމުން ނިންމީ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުންނެވެ.
ރަޝިޔާގެ ކްރޫޑް ޓޭންކަރުތަކުގެ ހަރަކާތްތައް ދައްކުވައިދޭ އެންމެ ފަހުގެ މެޕްތަކުން ފެންނަ ގޮތުގައި، މީގެ ކުރިން އިންޑިއާގެ ޖަމްނަގަރު ރިފައިނަރީއަށް އަމާޒުކޮށް ދަތުރުކުރި ގިނަ އުޅަނދުތައް މިހާރު ވަނީ މިސްރާބު ބަދަލުކޮށްފައެވެ. ކުރިން ބޮޑެތި ޑިސްކައުންޓްތަކާއެކު ރަޝިޔާގެ ތެޔޮ އިންޑިއާއަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު އެ ތެޔޮ ބޯޓުތައް ފެންނަނީ ޗައިނާއަށް ދަތުރުކުރާ ތަނެވެ.
އެމެރިކާގެ ޕްރެޝަރުގެ ދަށުން އިންޑިއާއިން ވަނީ ރަޝިޔާއިން ތެޔޮ ގަންނަ މިންވަރު ދުވާލަކު 2 މިލިއަން ފީފާ (mb/d) އިން 1.1 މިލިއަން ފީފާއަށް ދަށްކޮށްފައެވެ. މިއީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ ދަށްވުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދު ދުވާލަކު 800،000 ފީފާއަށް ވުރެ ދަށްކުރުމަށް އިންޑިއާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރަޝިޔާގެ ކްރޫޑް އޮއިލް ބޮޑު ޑިސްކައުންޓެއްގައި ލިބެން އޮތް ނަމަވެސް، އިންޑިއާއަށް ވަނީ އަމިއްލަ އިގްތިސާދީ ފައިދާއަށްވުރެ ބޭރުގެ ނުފޫޒަށް އިސްކަންދޭން މަޖުބޫރުވެފައެވެ. އިންޑިއާއިން ދޫކޮށްލި މި ފުރުސަތުގެ ފައިދާ ޗައިނާއިން މިހާރު ދަނީ ނަގަމުންނެވެ. ވެނެޒުއެލާގެ ތެޔޮ ލިބުމުގައި ހުރި ދަތިތައް ފުއްދުމަށްޓަކައި، ޗައިނާއިން މިހާރު ދަނީ އިންޑިއާއިން ދޫކޮށްލި އަގުހެޔޮ ރަޝިޔާ ތެޔޮ ގަނޑުކޮށް ގަންނަމުންނެވެ.
މި ނިންމުމުގެ ސަބަބުން އިންޑިއާގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތެލުގެ އަގު އުފުލިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. މިއީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި އިންޑިއާގެ ނިންމުންތަކަށް ބޭރުގެ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.










