އަސަރުން ފުރިފައިވާ ބަސްކޮޅެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ޑރ.ޖަމީލް ސަރުކާރަށް އަމާޒުކޮށް ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދާއެކު ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި މާފަންނު މެދު ދާއިރާ އަށް ވާދަކުރައްވާ މައިޒަރު އާދަމްގެ ކެމްޕެއިން ހަރަކާތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ކަންމަތީ ޖަލްސާގައިއެވެ.
އެގޮތުން ޑރ،ޖަމީލް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބްގައި ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ހޯދައި ދިނުމަށްޓަކައި އެތައް މަސައްކަތެއް ކުރެވުނު ކަމަށެވެ. އަދި އެކަން ކާމިޔާބުވެސް ވިކަމަށެވެ. ނަމަވެސް މިއަދު ވެރިކަން ޕީޕީއެމް/ޕީއެންސީއަށް ލިބުމުންވެސް ކަމެއް ބަދަލުވެފައިނުވާކަމަށް ވިދާޅުވެ ޑރ.ޖަމީލް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
ވެރިކަން ލިބިގެން 100 އެތަކެއް ދުވަސްވެއްޖެ ކަމަށާއި އަދިވެސް ރައީސް ޔާމީން ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމަށް ޑރ.ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.
އިންތިޚާބް ނިމިއްޖެ، ޕީޕީއެމް ޕީއެންސީއަށް ވެރިކަން ލިބިއްޖެ. ސަރުކާރު ލިބިއްޖެ، ސަރުކާރު ލިބިގެން ސަތޭކަ އެތަކެއް ދުވަސްވެއްޖެ. ކޮބާތޯ މިއަދު އަޅުގަނޑުމެން މިތާނގަ ޖެހި ވިންދު. ކޮބާތޯ އިހްސާސްތައް. ކޮބާތޯ ރައީސް ޔާމީން، ކޮބާތޯ އަދުލުވެރިކަން. ކޮބާތޯ އިންސާފް
ޑރ.ޖަމީލް އިތުރަށް ވިދާޅުވީ ވެރިކަން ލިބުމުންވެސް، އިންސާފުވެރިކަމާ ތެދުވެރިކަމާއި އަދުލުވެރިކަން އަދިވެސް ނެތް ކަމަށެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމާ އެއްވެސް ތަފާތެއް އަދި ނުފެންނަ ކަމަށް ވިދާޅުވެ ޑރ.ޖަމީލްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުކުރައްވާފައެވެ.
އޭގެއިތުރުންވެސް ޑރ ޖަމީލް ވިދާޅުވީ ދެން މިކަންކަން ރަނގަޅު ކުރުމަށްޓަކައި މައިޒަރު މެން ފަދަ ޒުވާނުން މަޖިލީހަށް އިންތިޚާބްވުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.