
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފަލަސްތީނުގެ މުސްލިމުން ޝަހީދުކޮށް ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގަމުންދާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް އިޒްރޭލަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ނަމުގައި ކުރިއަށްގެންދާ ދަތުރުފުޅެކެވެ. މޯދީގެ މި ދަތުރުފުޅުގައި އިޒްރޭލުގެ ހަރުކަށި ސަރުކާރާއެކު ޓެކްނޮލޮޖީއާއި ދިފާއީ ދާއިރާއިން އައު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލަށް ހުރިހާ ގޮތަކުން ވާގިވެރިވަމުން އަންނަ ގައުމެކެވެ. އިޒްރޭލުން ފަލަސްތީނުގެ ކުށެއްނެތް މުސްލިމުން މަރަމުންދާއިރު، އިންޑިއާއިން ދަނީ އިޒްރޭލަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކުރަމުންދާއިރު، މޯދީގެ ސަރުކާރުން އިޒްރޭލާއެކު ބާއްވާ ގާތް ގުޅުމަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ލިބޭ ބޮޑު ހިތްވަރެކެވެ.
ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުންވެސް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އެ ގައުމުގެ އެހީތެރިކަން ހޯދަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އަދި މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭ އިންޑިއާއާއެކު ރާއްޖެއިން ގުޅުން ބަދަހިކުރުމަކީ އިސްލާމީ އުންމަތުގެ މަސްލަހަތަށް ބަލާއިރު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.










