ގައުމުގައި ކަންކަމުގައި ބޭރު ދުނިޔޭގައި ގައުމު ތަމްސީލު ކުރާނީ އޭރެއްގައި އޮންނަ ސަރުކާރަކުން އައްޔަންކޮށް ކަނޑައަޅާފައިވާ މަންދޫބުންނެވެ.
އެގޮތުން ޚާއްސަކޮށް ޑިޕްލޮމެޓިކު ކަންކމުގައި ގައުމު ތަމްސީލު ކުރާނީ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރު ނުވަތަ ޚައްސަ މަންދޫބެކެވެ.
ނަމަވެސް އިއްޔެގެ ވަގުތެއްގަިއ ރާއްޖޭގެ ސުރުޚީތަކުން ފެނިގެން ދިޔައީ ރާއްޖޭގެ ކުރިގެ ރަައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެން ދިވެހީންގެ ނަމުގައި މައާފަށް އެދުނު ޚަބަރެވެ.
އެގޮތުން ދިވެހިންގެ ނަމުގައި ނަޝީދު މާފަށް އެދިވަޑައިގެންނެވީ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި ހާއްސަ އިންޓަވިއު އެއް ގައެވެ. ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި ގުޅޭގޮތުން ސަރުކާރުގެ ބައެއް ވެރީން ދައްކަވާފައިވާ ވާހަަކަތަކާއި ދެ ކަމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިވާތީ އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.
ނަޝީދު މިފަދައިން މައާފަށް އެދިފައިވާއިރު ސުވާލަކީ މިކަން ކުރަން ނަޝީދުގެ އޮތީ ކޮން ހައިސިއްޔަތެއްތޯއެވެ؟ ރާއްޖޭގެ ކުރިގެ ރައީސެއް ނަމަވެސް އެއީ ރައޔްިތުން ބަލައިނުގަތް ރައީސެކެވެ. ދައުރުގެ މެދުން ވެރިކަން ދޫކުރައްވާ ފިއްލެވި ރައީސެކެވެ. އެވަރުގެ ބޭފުޅަކު ދިވެހިންގެ ނަމުގައި ގޮސް ދިވެހިންގެ ސިޔާދަތާ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުން އަރުވާ ބަޔަކަށް މައާފަށް މި އެދުނީ ދިވެހިން ލަދު ގަންނަވަން ނޫން އެހެން ކޮންކަމަކު ބާއެވެ؟
ދިވެހިރާއްޖެއަކީ އިންޑިއާއިން އަބަދުވެސް އަތް ގަދަކުރުމަށް ކަޅި އަޅަމުންދާ ގައުމަކަށް ވާއިރު އެކަމަށް އިންޑިއާއަށް މަގު ފަހިކޮށްދިނީ ނަޝީދުގެ ވެރިކަމުގައާ ކުޑައިރުގެ ރަހުމަތްތެރިޔާގެ ވެރިކަމުގައެވެ. ޔައުނީ އެމްޑީޕީގެ ދެވެރިކަމުގައެވެ.
އިންޑިއާގެ ނިޔަތް ސާފު ނޫންކަން އިހްލާތެރި ކޮންމެ ދިވެއްސަކަށް، ނިމިގެން ދިޔަ ފަސް އަހަރުގެ ތެރޭގައި ހާމަވާނެކަން ޔަގީނެވެ. ދިވެހިންގެ ކަނޑުގެ ވަތު ބަތާނައަށް ދާންދެން ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ނަގާ އަންބޮޑިއަށް ލައިގެން ތިބި ބަޔަކަށް ދިވެހިން ހިތް ހެވެއް ނުވާނެކަން ޔަގީނެވެ.
ކަންމިހެން އޮއްވާ އަބަދުވެސް އިންޑިއާ ރުއްސުމުގައި ނަޝީދު މިއުޅެނީ ކޮންކަމެއް ކިހިނެއް ނުވެގެން ކަމެއް ނޭނގެއެވެ. ނުވީތާކަށް ގޮސް ދިވެހިންގެ ނަމުގައި މައާފަށް އެދި އެމީހުން ދެފައިބުަޑަށް ވެއްޓި ރޮއި މި ޖަހާ ސަކަރާތުގެ މާނައަކީ ކޮބައި ހެއްޔެވެ.
އިންޑިއާ ނޫނަސް އެހެން ގައުމުތައް ވެސް އެބަހުއްޓެވެ. ރުއްސަން ބުއްފުޅު ހިފައިގެން ނުދުވަނީ ކީއްވެ ހެއްެވެ. ޔަގީނުންވެސް ފަހަތުގައި ފޮރުވިފައި ބޮޑު ބިޔަ ސިއްރުތަކެއް ވެއެވެ. އިންޑިއާއިން ވަގަށް ނަގައިދިން އިންތިހާބާ ވެސް އެކުއެވެ.
އިންޑިއާގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން ދިވެހި ފަތުރުވެރިކަން ބޮއިކޮޓް ކުުރުމަށް ގޮވާލުމުން ދިވެހި ދަރިންތަކެއް އެކަމުގެ ދިފާއުގައި ތެދުވުމުން އެމީހުންނަށް ފިޔަވަޅު އަޅަން މަގާމުން ވަކިކުރަން ގޮވިއިރު ނަޝީދު ކޮބައިތޯއެވެ؟ އެ ދިވެހި ދަރިންގެ ހައްގުގައި ނުތެދުވީ ކިއްވެތޯއެވެ؟ އެކުގައި ޖަލިޔާ ޖަހަން އުޅުނު ބޮޑު މާރިޔާ އިންޑިއާ ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ބުނިއިރު ނަޝީދު ކޮބައިތޯއެވެ؟ އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފުމަށް އެމްޑީ÷ީގެ މިއަދުގެ ރައީސް އަބދުﷲ ޝާހިދު ގޮވާޅިއިރު ނަޝީދު ކޮބައިތޯއެވެ؟ ނިމިދިޔަ ފަސް އަހަރު ދިވެހިންގެ ފައިސާއިން އިންޑިއާ އާޝިރުވާދު ހޯދާ ގައުމު ދަރުވާލިއިރު ނަޝީދު ކޮބައިތޯއެވެ؟
ހަމަ ހުންނަވާފައި މަޖިލިސް އިންތިހާބާ ދިމާކޮށް ވަޑައިގެން ތިޔަ ކުޅުއްވަނީ ކޮންހާ ކުޅިވަރެއްތޯއެވެ؟ ތިޔަހެން ވަޑައިގެން ކުޅުއްވަމުން ގޮސް ބޮނދު ބުޑަށް ސައި ކިޔާފާނެއެވެ. ދެން އޮތް ކަމަކީ ދިވެހިންގެ ނަމުގައި ގޮސް މައާފަށް އެދުނުއިރު ދިވެހިންގެ ހުއްދައެއް ހޯދިބާއެވެ؟ އަދި އެކަން ކުރީ ކޮން ހައިސިއްޔަތަކުން ބާއެވެ؟ ދިވެހިން ތަމްސީލުކުރާ ސަރުކާރެއް އޮތްއިރު އިންޑިއާ ފަދަ ހީލަތްތެރި ބައެއްގެ ކިބައިން މައާފަށް ނަޝީދު އެދެން ޖެހޭ ބާއެވެ؟
ނަޝީދުއެވެ. ދިވެހިންގެ ނަމުގައި ތިޔަ ކުރެއްވީ ވައްކަމެކެވެ. އަވަހަށް ދެން ދިވެހިންގެ ކިބައިން މައާފަށް އެދޭށެވެ.