February 27, 2026
Advertisement
India
India / ސޯޝަލް މީޑިއާ

މޯދީގެ ގުންޑާއިންގެ ކިބައިން މުސްލިމުން ހިމާޔަތްކޮށްދިން ހިންދޫ ޒުވާނުންނަށް ތައުރީފު އޮހެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 25, 2026, 09:35 PM
މާލެ ސިޓީ

އިންޑިއާގެ ލަކްނޯ ޔުނިވަރސިޓީގައި ކިޔަވަމުންދާ މުސްލިމް ދަރިވަރުންތަކެއް ނަމާދުކުރަން ތިއްބާ، މޯދީގެ ފިކުރަށް ތާއީދުކުރާ ހަރުކަށި ގުންޑާއިންގެ ކިބައިން އެ ދަރިވަރުން ހިމާޔަތްކުރުމަށް ހިންދޫ ޒުވާނުންތަކެއް އިސްނެގި ހިތްވަރުގަދަ އަމަލަށް ދުނިޔޭގެ އެކި ކޮޅުތަކުން ތައުރީފު އޮހެން ފަށައިފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ލަކްނޯ ޔުނިވަރސިޓީގެ ކެމްޕަސް ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މުސްލިމް ދަރިވަރުންތަކެއް ޖަމާއަތުގައި ނަމާދުކުރަން ފެށުމާއެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ތާއީދުކުރާ ހަރުކަށި ހިންދޫ ގްރޫޕަކުން ވަނީ އެތަނަށް އެއްވެ، ނަމާދަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، އެ ވަގުތު އެ ސަރަހައްދުގައި ތިބި އިންސާނިއްޔަތަށް ލޯބިކުރާ ހިންދޫ ޒުވާނުންތަކެއް ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ. އެ ޒުވާނުން ވަނީ ނަމާދުކުރަން ތިބި މުސްލިމް ދަރިވަރުންގެ ވަށައިގެން "އިންސާނީ އައްޑަނައެއް" ނުވަތަ ޝީލްޑެއްގެ ގޮތަށް އަތާއަތް ގުޅުވައިގެން ސަފު ހަދާފައެވެ. އަދި ނަމާދުކޮށް ނިމެންދެން، ހަރުކަށި ގުންޑާއިންނަށް އެ ސަރަހައްދަށް ކައިރިނުވެވޭނެހެން އެ ދަރިވަރުން ވަނީ ހިމާޔަތްކޮށްދީފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ އެ ހިންދޫ ޒުވާނުންނަށް ސާބަސް ދެމުންނެވެ. އިންޑިއާގައި މިހާރު އޮތް ބިރުވެރި އަދި ނަފުރަތުގެ މާހައުލުގައި، މުސްލިމް އަޚުންގެ ދީނީ ފަރުޟު އަދާކުރުމަށް ފުރުސަތު ހޯދައިދީ، އެމީހުންގެ ދިފާއުގައި ތެދުވި ތެދުވުމަކީ އުންމީދީ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މޯދީ ސަރުކާރުގެ ދަށުން އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހާދިސާތަކުން ހާމަވަނީ ދީނީ ހަރުކަށި ފިކުރަށްވުރެ އިންސާނިއްޔަތުކަން މާ މަތިވެރިކަން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ މިއީ ހަގީގީ އިންޑިއާގެ ރޫހު ކަމަށާއި، ނަފުރަތު ފަތުރާ މީހުންނަށްވުރެ ލޯތްބާއި އެކުވެރިކަން އިސްކުރާ މީހުން ގިނަވާންޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved