
އުމުރުން އެންމެ 15 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ސަލާމަތްކުރަން އުޅުނު އޭނާގެ ބައްޕަ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފިކުރަށް ތާއީދުކުރާ ހަރުކަށި ހިންދޫންގެ ބަޔަކު ބަޑިޖަހާ ރަހުމުކުޑަގޮތަކަށް މަރާލައިފިއެވެ.
މި ހިތާމަވެރި ހާދިސާގައި ޝަހީދުކޮށްލާފައިވަނީ މުހައްމަދު ވަރްދީ ނަމަކަށް ކިޔާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު ވަރްދީ މަރާލާފައިވަނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު، ތަހްޒީމްއަށް އެ ގްރޫޕުން ދެމުންދިޔަ ޖިސްމާނީ ގޯނާތަކާއި ފުރައްސާރަތަކުން އެކުއްޖާ ސަލާމަތްކުރުމަށް ބައްޕައެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަނިކޮށެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި މޯދީގެ ބީޖޭޕީ ސަރުކާރުގެ ނުފޫޒާއެކު ހަރަކާތްތެރިވާ ހަރުކަށި ހިންދޫ ގްރޫޕްތަކުން ދަނީ މުސްލިމުންގެ ފުރާނައާއި މުދަލަށް އަމާޒުކޮށް ބިރުވެރި ހަމަލާތަކެއް ދެމުންނެވެ. މި ހާދިސާއަކީވެސް އިންޑިއާގައި މުސްލިމުންނަށް އަމާންކަމެއް ނެތްކަން ހާމަކޮށްދޭ އަދި އިންސާނީ ކަރާމާތަށް އަރައިގަތުމުގެ ހިތްދަތި މިސާލެކެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ތަހްޒީމް ސަލާމަތްކުރަން މުހައްމަދު ވަރްދީ ކުރި މަސައްކަތަށް ހުރަސްއަޅައި، އެއްވެސް ރަހުމެއް ނެތް ގޮތުގައި އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ މުޅި ސަރަހައްދަށް ބިރުވެރިކަން ފަތުރަމުންނެވެ. މޯދީ ސަރުކާރުގެ ދަށުން މިފަދަ ގިނަ މައްސަލަތަކުގައި ކުށްވެރިންނަށް ހިމާޔަތް ލިބި، މުސްލިމުންނަށް އިންސާފު ނުލިބޭތީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މުޅި އިސްލާމީ އުންމަތުން ދަނީ މި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. މުސްލިމް އަންހެން ދަރިއެއްގެ އިއްފަތާއި ފުރާނަ ސަލާމަތްކުރަން އުޅުނު ބައްޕައަކު، އަމިއްލަ ގައުމުގައި ބަޑިޖަހާ މަރާލުމަކީ އިންޑިއާގެ ޑިމޮކްރަސީގެ މޫނުމަތީގައި ޖެހި ވަރުގަދަ އެތިފަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.










