
ހޯމް މިނިސްޓަރު އަލީ އިހްސާންގެ އަނބިކަބަލުންނާއި 10 އަހަރުގެ ކުޑަ ދަރިފުޅު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މިނިސްޓަރު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރުގެ ވަޒީރުންގެ ކިބައިން ފެންނަނީ ނުހައްގު އިމްތިޔާޒުތަކެއް ލިބިގަތުމުގެ "އެންޓައިޓްލްމަންޓް" ނުވަތަ އަމިއްލަ އެދުން އިސްކުރުމުގެ ސިފައެކެވެ.
ޑރ. ޖަމީލްގެ ފާޑުކިޔުންތައް ބޮޑަށް އަމާޒުކުރެއްވީ އިންސާފު ގާއިމުކުރުމުގައި ގެންގުޅޭ ތަފާތުކުރުންތަކަށެވެ. އެގޮތުން، މިނިސްޓަރުގެ އަމިއްލަ އާއިލާއާ ގުޅޭ މައްސަލައެއްގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް ހަލުވިކަމާއެކު ހަރަކާތްތެރިވާއިރު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޒަކިއްޔާ އާއި ވިފާގުގެ މަރުގެ މައްސަލަތައް ފަދަ ބޮޑެތި ޖަރީމާތަކުގެ ތަހުގީގުތައް ހުއްޓިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުން އިހުމާލުވަމުންދާއިރު، އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ދައުލަތުގެ ބާރު ބޭނުންކުރުމަކީ ދެފުށްގެެރި އަމަލެކެވެ.
މީގެ އިތުރުން، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ގާނޫނާ ހިލާފަށް ރައްޔިތުންގެ އަމިއްލަ މައުލޫމާތު ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވެސް ޖަމީލް ވަނީ ކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ އައިޑީ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ސަރުކާރު ހިންގާ ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރާ ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވީ އިންސާފަށް ގޮވާލާ ފަރާތްތަކަކީ "ސާފު އަތެއް" އޮތް ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުގެ މަސްއޫލުވެރިން ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.










