
ޕާކިސްތާނުގެ ސަލާމަތަށް ނުރައްކާ ކުރަމުންދާ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމުގެ ނަމުގައި، ޕާކިސްތާން ސިފައިން އެއްގަމު މަގުން އަފްޣާނިސްތާނަށް އަރައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބައިއަތު ހިފައިގެން، ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ ކަމަށް ތުހުމަތުކުރެވޭ ތާލިބާން ހަނގުރާމަވެރިން ނައްތާލުމަށް ފެށި އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި މި ހަނގުރާމަވެރިންނަށް އިންޑިއާގެ އެހީތެރިކަން ލިބެމުންދެއެވެ.
އެއްގަމު މަގުން ސިފައިން އަފްޣާނިސްތާނުގެ ސަރަހައްދުތަކަށް ވަދެފައިވާއިރު، ޕާކިސްތާނުގެ ވައިގެ ސިފައިން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން އެހެނިހެން މުހިންމު ސިޓީތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި ހަނގުރާމަވެރިން ބޭނުންކުރާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާތަކާ ގުޅިގެން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މި ހާދިސާގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޕާކިސްތާނުން ބުނަމުންދަނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި، ބޭރުގެ ނުފޫޒުން ހިންގާ ޓެރަރިސްޓް ހަރަކާތްތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.










