February 28, 2026
Advertisement
Iran
Iran / ރޮއިޓަރސް

އިސްރާއީލުން އީރާނުގެ ރައީސްގެ ގެކޮޅަށްވެސް ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 28, 2026, 12:53 PM
މާލެ ސިޓީ

އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އީރާނުގެ 30 އަށްވުރެ ގިނަ އަމާޒަކަށް ވަނީ ހަމަލާދީފައެވެ.

Advertisement

މި ހަމަލާތަކުގެ ތެރޭގައި އީރާނުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅާއި، އެ ގައުމުގެ އިންޓެލިޖެންސް ހެޑްކުއާޓަރު ފަދަ މުހިންމު ބިނާތައް ހިމެނޭ ކަމަށް ޚަބަރުތައް ލިބެއެވެ. ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ތެހެރާން ޔުނިވަރސިޓީ މަގާއި ޖުމްހޫރީ ސަރަހައްދަށް ވެސް މިސައިލް ހަމަލާތައް އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ، މިއީ އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އިސްވެ ދިން "ޕްރީއެމްޕްޓިވް" ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އީރާނުގެ ފަރާތުން އަތުވެދާނެ ރައްދު ހަމަލާއަކަށް ތައްޔާރުވުމަށް ރައްޔިތުންނަށް ވަނީ އަންގާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި އޮޕަރޭޝަނުގައި އެމެރިކާގެ އަސްކަރިއްޔާގެ ބައިވެރިވުން ވެސް އޮތް ކަމަށް ބެލެވެއެވެ. މި ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެ، ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved