February 25, 2026
Advertisement
އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ އެޖެންޑާނުކުރާތީ ކަންބޮޑުވުން ފާޅުކުރުމުން ނަހުލާއަށް މަރުގެ އިންޒާރުދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ
އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ އެޖެންޑާނުކުރާތީ ކަންބޮޑުވުން ފާޅުކުރުމުން ނަހުލާއަށް މަރުގެ އިންޒާރުދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ / ތޭރަގްރެފިކްސް

އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ އެޖެންޑާނުކުރާތީ ކަންބޮޑުވުން ފާޅުކުރުމުން ނަހުލާއަށް މަރުގެ އިންޒާރުދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 24, 2026, 05:53 PM
މާލެ ސިޓީ

މާލެ ސިޓީގެ މޭޔަރުގައި މިިހާރު ހުންނެވި އާދަމް އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ ކައުންސިލް ޖަލްސާގައި ކުރިއަށްގެންދަން ހުރަސް އަޅާކަމުގެ ކަންބޮޑުވުން ފާޅުކުރުމުން އެ ކަންބޮޑުވުން ފާޅުކުރި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ

Advertisement

ނަހުލާ ވަނީ އޭނާގެ ސޯޝަލް މީޑިޔާގައި،  އާންމުކުރި ވީޑިއޯއެއްގައި، އާޒިމްގެ އާއިލާއަށް ބިމެއް ދިން ކަމަށް ބުނާ މައްސަލަ އެޖެންޑާކޮށްދިނުމަށް ވިދިވިދިގެން ދެ ހަފްތާގައި މިހާރު އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

 ނަހުލާ ހުށަހަޅުއްވާފައިވާ މައްސަލާގައިވާ ގޮތުން، މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 3309 އަކަފޫޓުގެ ބިމެއް، އާޒިމްގެ ބޮޑުބޭބެގެ ކުންފުނި 'ނަޒްރާޝް ކޮމްޕެނީ' އަދި 'ވަސްމީރު' ކުންފުންޏަށް ދީފައިވެއެވެ.

ނަމަވެސް އެ ބިމަކީ، "ސީއައިއޭ" ކިޔާ ކުންފުންޏަކަށް މާ ކުރިން ދީފައިވާ ބިމެއް ކަމަށާއި އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 2027އަށް ކަމަށް ނަހުލާ ވިދާޅުވިއެވެ. 

އެ މައްސަލަ އެޖެންޑާ ނުކޮށްދީ، ކައުންސިލްގެ އެސްޖީ އަބްދުލް މުހައިމިން ނަސީރު ސޮއިކުރައްވާފައިވާ ސިޓީއެއް އޭނާއަށް ފޮނުވާފައިވާ ކަމަށް ނަހުލާ ވަނި ވިދާޅުވެފައެވެ.

އެ ސިޓީގައި އޮތީ އާޒިމްގެ ބޮޑުބޭބެއަށް ހަދައިދީފާ އޮތް އެއްބަސްވުން 10 އޮގަސްޓް 2025ގައި ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އުސޫލެއްގެ ގޮތުން ކައުންސިލްގެ ތަޅުމަށް ގެނެސްގެން ނޫނީ އެއްބަސްވުމެއް ބާތިލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަހުލާ ވަނީ ކައުންސިލްގެ ތަޅުމަކަށް މިހާތަނަށް މި އެއްބަސްވުން ބާތިލުކުރާކަށް ގެނެސްފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންވީކަމުން އެއީ  ކަނޑައެޅިގެން ދޮގެއްކަން ސާބިތުވާން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.  މިދިޔަ ނޮވެމްބަރުގައި އާންމުކުރި ބިމުގެ ދަފްތަރުން އެކަން ސާބިތުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަ 20 ނޮވެމްބަރުގައި ކައުންސިލުން އާންމުކުރި ބިމުގެ ދަފްތަރުގައި އާޒިމްގެ ބޮޑުބޭބެގެ ދެ ކުންފުންޏަށް މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 3309 އަކަފޫޓު ދީފައި އޮތްކަން ފެންނަން އެބައޮތް ކަމަށެވެ.

އެސްޖީ ފޮނުވި ސިޓީގައިވާ ގޮތަށް، އެ އަހަރުގެ އޮގަސްޓުގައި އެއްބަސްވުން ބާތިލުކޮށްފައިވާ ނަމަ، އޭގެ ތިން މަސް ފަހުން އާންމުކުރި ބިމުގެ ދަފްތަރުގައި އެ ކުންފުންޏަށް އެތަން ދީފައިވާ ކަމަކަށް ނޯންނާނެ ކަމާ އެހެންކަމުން މިކަމާ ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށް ނަހުލާ ވަނީ އިލްތިމާސްކޮށްފައެވެ ވަރަށް ބޮޑު ދޮގެއް ހަދާ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާ ނަހުލާ ވަނީ، އާޒިމް މޭޔަރަކަށް ހުންނަވައިގެން އޮޅުވާލައި ރައްޔިތުން މޮޔަ ހައްދަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެ ހަދާ އޮޑިޓަކަށް ދުވަހަކު ވެސް އާޒިމްގެ އާއިލީ ކުންފުނިތަކަށް ދީފައި އޮތް ބިންތަކުގެ އޮޑިޓެއް ނާރާ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން އެހެން ބަޔަކަށް ދީފައި އޮތް ތަނެއް އާޒިމުގެ ބޮޑުބޭބެގެ ރަޝީދުގެ ކުންފުންޏަށް އެއްބަސްވުން ހަދާދީ ބިން ހަވާލުކޮށްދީގެން އާޒިމް އިންނެވިކަމަށް ތުހުމަތު ކުރައްވާ ނަހުލާ ވަނީ ބިން ހަވާލުކުރި ލިއުން ހިފައިގެން އެތަނުގެ ތެރޭގައި ތިއްބާ، މޭޔަރު އާޒިމްގެ ހިއްސާ އޮންނަ ކުންފުނި އާރްސީސީގެ ޔުނީފޯމު އަޅައިގެން ތިބި މުވައްޒަފުންތަކެއް އެތަނަށް ވަދެ އެތަން ހުސްކުރަން އެންގި ކަމަށް، އެތަނުގެ އަސްލު އެއްބަސްވުން އޮތް މީހުންގެ ފަރާތުން މައުލޫމާތުދީފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ މިކަންކަން ހާމަކުރުމުން އާޒިމްގެ ބޮޑު ބޭބެ ރަޝީދުގެ ދަރިފުޅު، އެޗްޑިސީގެ ބޯޑުގައި ހުންނަވާ މުހައްމަދު ވިޝާމް ވަނީ ނަހުލާގެ ބައްޕައަށް ގުޅާ ނަހުލާއަށް މަރުގެ އިންޒާރު ދީފައި ކަމަށް ނަހުލާ ވަނީ ސޯޝަލް މީޑިޔާގައި ހާމަކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ. 

އެގޮތުން ނަހުލާ ދުނިޔޭގައި އުޅެން ބޭނުންނަމަ އޭނާގެ ބައްޕައާ ނުބެހުމަށް ވިޝާމް، ނަހުލާގެ ބައްޕަގެ ގާތު ގުޅާ ބުނެފައިވާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ނަހުލާ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން  ދިވެހި ފުލުހުންނާ ސުވާލުކުރުމުން އަދި ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved