
އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނުގެ މަރުކަޒީ އިދާރާތަކަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ގޯސްވެ ގަލްފުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު މިއަދު ބަންދުކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން އިރާނުން ރައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވައިގެ ސަރަހައްދު ބަންދުކޮށްފައިވަނީ ޔޫއޭއީ، ގަތަރު، ކުވައިތު، ބަހުރެއިން އަދި އިރާގުންނެވެ. މި ނިންމުމާއެކު ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ ކެންސަލްކުރަން ޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ މަޝްހޫރު އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ ފްލައިޓްތައް ވެސް ހިމެނެއެވެ.
މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ހޫނުވެގެންދިޔައީ، އިރާނުގެ ރައީސްގެ ރަސްމީ އިދާރާ (ޕްރެޒިޑެންޝަލް ކޮމްޕްލެކްސް) އާއި އިންޓެލިޖެންސް ހެޑްކުއާޓާސްއަށް އަމާޒުކޮށް އިޒްރޭލާއި އެމެރިކާގެ އަސްކަރިއްޔާއިން ބޮން އެޅުމާ ގުޅިގެންނެވެ. މިއީ އިރާނުގެ އަސްކަރީ ބާރު ކަނޑުވާލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓުރުތު ސޯޝަލް" ގައި ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް އިރާނަށް ދިން ފުރުސަތުތަކުގެ ބޭނުން އެގައުމުން ނުހިފި ކަމަށާއި، އިރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ އޮމާން މެދުވެރިވެ އިރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދަނިކޮށް ކަމަށްވުމުން، އިރާނުން ވަނީ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އިރާނުން ބުނާ ގޮތުގައި މިއީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅުމަށް ގަސްދުގައި ދިން ހަމަލާތަކެކެވެ.
އިރާނުގެ ރައްދު ހަމަލާތައް މިހާރު އަމާޒުކުރަމުންދަނީ އިޒްރޭލުގެ ރަށްތަކަށާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މިއާއެކު މުޅި ސަރަހައްދުގައި ވަނީ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައެވެ.










