
އެމެރިކާގެ އަސްކަރީ ބާރާއި މަނަވަރުތަކަކީ ނުރައްކާތެރި އެއްޗެއް ކަމަށް ބުނެ ދައްކާ ބިރުދެއްކުންތަކަށް ރައްދުދެއްވައި، އެ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން އިރާންގެ އަތުގައި އެބަހުރި ކަމަށާއި އިރާންގެ ހަތިޔާރު މާ ނުރައްކާތެރިވާނެ ކަމަށް އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނައީ ވިދާޅުވެއްޖެއެވެ.
އިރާންގެ ވެރިރަށް ތެހެރާންގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޚާމަނައީ ވިދާޅުވީ، އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާފައިވާ މަނަވަރުތަކާއި އަސްކަރީ ވަސީލަތްތަކަކީ އިރާނަށް އޮތް ބިރެއް ނޫން ކަމަށެވެ. އަދި އިސްލާމީ އިންގިލާބުގެ ދިފާއުގައި އިރާނުން އުފައްދާފައިވާ ޒަމާނީ ހަތިޔާރުތަކަކީ އެމެރިކާގެ ކޮންމެ އަމާޒެއް ފުނޑުފުނޑުކޮށްލުމުގެ ގާބިލުކަން ލިބިގެންވާ ހަތިޔާރުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޚާމަނައީ ވިދާޅުވީ، އިރާންގެ އިސްލާމީ އިންގިލާބަށް 47 އަހަރަށްވުރެ ގިނަ އަހަރުވެގެން ދިޔައިރުވެސް އެމެރިކާއަށް އެ ވެރިކަން ވައްޓާނުލެވުނު ކަމަށް ޓްރަމްޕް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށެވެ.
"ޓްރަމްޕަށްވެސް އަދި އެމެރިކާގެ އެހެން އެއްވެސް ވެރިއަކަށްވެސް އިރާންގެ އިސްލާމީ ވެރިކަން ވައްޓައެއް ނުލެވޭނެ،" ޚާމަނައީ ވިދާޅުވިއެވެ.
އިރާނުން ދަނީ އެގައުމުގެ ދިފާއީ ބާރު ވަރުގަދަކޮށް، އިސްލާމީ އުންމަތުގެ ހައްގުގައި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ތެދުވަމުންނެވެ. ޚާމަނައީގެ މި ބަސްމަގުން ދޭހަވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ބިރުދެއްކުންތަކުގެ ކުރިމަތީގައި އިރާން ކުޑަކަކޫ ނުޖަހާނެ ކަމެވެ.
މި ބައްދަލުވުމުގައި ޚާމަނައީ އިތުރަށް ވިދާޅުވީ، އެމެރިކާއަކީ "ބޮޑު ޝައިތާނާ" ކަމަށާއި، މުސްލިމް ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި އިސްލާމީ ބާރުތައް ބަލިކަށިކުރުމަށް އެމެރިކާއިން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ. އިރާންގެ އަސްކަރީ ގާބިލުކަން ހުރީ ހަމައެކަނި ދިފާއުވުމަށް ނޫން ކަމަށާއި، ދުޝްމަނުންނަށް ނުރައްކާތެރި ހަމަލާތަކެއް ދެވޭ ފަދަ ފެންވަރެއްގައި ކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.










