
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފުގެ އެކި ގައުމުތަކުގައި ވެސް ގޮވުމުގެ ރިޕޯޓްތައް ލިބެން ފަށާފައިވާތީ ޔޫއޭއީގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އަބޫ ދާބީ އަދި ދުބާއީން ގޮވުމުގެ ރިޕޯޓުތައް ކޮށްފައިވާއިރު، ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވެސް ވަނީ އަނބުރާ ރާއްޖެއަށް ދަތުރު ފަށާފައެވެ. މި ހާލަތުގައި ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނޭ ކަމަށާ އެހެންކަމުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ނުކުރުމަށާއި ބޭރުގައި ނޫޅުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ކޮންމެ ވަގުތެއްގައި ނަމަވެސް ބޭނުމެއް ޖެހިއްޖެ ނަމަ އޭނާއަށް ގުޅުމަށާ އެންމެންވެސް ރައްކާތެރި ކަމާ އެު ތިބުމަށް ވެސް ވަނި އިލްތިމާސްކުރައްވާފައެވެ.
މެދުއިރުމަތީގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. ފޮރިން މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫއޭއީގައި 300އެއްހާ ދިވެހިން ދިރިއުޅެއެވެ.










