ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވަނީ ގައުމީ ޖިހާދެއް ކަމަށާ އެކަމަށް އެމަނިކުފާނަށް އައްސަރި ބަހާ ސާބަސް ހައްގު ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ތާއީދާއެކު ހުޅުމާލޭ އުތުރު ދާއިރާއަށް ނުކުންނަވާ އަހުމަދު ލަތީފު (ލަތީ)ގެ ޖަގަހަ ހުޅުވުމާ އެކު ބޭއްވި ޚާއްސަ މާހެފުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންއާ މެދު ނާއިންސާފުން ކަންކުރަން އަދުގެ ވެރިން ލަދު ގަންނަން ޖެހޭނެ ކަމަށާ ނަމަވެސް އަދުގެ ވެރިން ދައްކަމުން ގެންދަނީ އަނިޔާވެރިކަން ކަމަށާ ޖުޑީޝީއަރީ ތެރެއިން ވެސް ރާވާއިގެން އެމަނިކުފާނަށް އަނިޔާތައް ދޗެމުން ގެންދާކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
އަނިޔާވެރިއެއްގެ ކުރިމަތީގައި ހައްގު ބަސްބުނުމަކީ އެންމެ މަތިވެރި ޖިހާދު. ރައީސް ޔާމީން އެ ދައްކަވާ ހިތްވަރަށް އައްސަރި ބަހާ ސާބަސް ދަންނަވަން
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، މި ފަހަކަށް އައިސް އެމަނިކުފާނަށް ނިސްބަތްކޮށްވެސް ވަރަށް ގިނަ ވާހަކަތަކަސް ފަތުރަމުން ދާ ކަމަށާ އެކަމާ ހާސްވެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި އެކަނި ހުންނަން ޖެހުނު ނަމަވެސް ހައްގު ބަސް ބުނުން ހުއްޓާނުލައްވާނެ ކަމަށާ ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ މި ސަރުކާރުން ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް އެކަން އަމަލުން ނުފެނި އަދި ރައީށް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ތެރެއަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާ މައްސަލަ ޕާކްުކޮށްފައިވާ ކަމަށް އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.