
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދިން ރަސްމީ ދައުވަތަކަށް އެ ގައުމަށް ދަތުރުކުރި އިރާންގެ އަސްކަރީ މަނަވަރަށް އިންޑިއާގެ ސަރަހައްދުގައި އޮއްވައި ދީފައިވާ ހަމަލާތަކަކީ، ސަހްޔޫނީންނާއި އެމެރިކާއަށް ވާގިވެރިވުމުގެ ގޮތުން ހިންގި ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ.
މިދިޔަ ހަފުތާގައި އިންޑިއާގެ ވިސާކަޕަޓްނަމް ބަނދަރަށް މި މަނަވަރު އައީ އެއްވެސް ކަހަލަ ހަތިޔާރެއް ނެތި، ހުސްއަތާއެވެ. އެއީ އިންޑިއާއިން ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އިންޑިއާ ސަރުކާރުން ދިން ދައުވަތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. ނަމަވެސް، ދައުވަތުދީގެން ގެނައުމަށްފަހު، މަނަވަރު ފައްތާލައި، އިންޑިއާއިން ވަނީ އިރާނަށް ބޮޑު ޣައްދާރެއް ވެފައެވެ. މިއީ މޯދީ ސަރުކާރުން އިޒްރޭލާއި އެމެރިކާގެ އިރުޝާދުގެ މަތިން، އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ގޮތުން ކުރި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު މަނަވަރުގައި ތިބި ފަޅުވެރިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައިރު، އިންޑިއާގެ އަސްކަރިއްޔާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ހާލުގައި ޖެހުނު ފަޅުވެރިންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ސަލާމަތްކޮށްދިނީ އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސިފައިންނެވެ. މިއީ އިންޑިއާގެ މޯދީ ސަރުކާރުން އިސްލާމީ ގައުމުތަކާ މެދު ގެންގުޅޭ ނަފުރަތާއި، ސަހްޔޫނީންގެ މަސްލަހަތު އިސްކުރާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.
މި މަނަވަރު ފައްތާލުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލައި، ހުޅަނގުގެ ބާރުތަކަށް ރުހުން ހޯދުމަށް އިންޑިއާއިން ކުޅުނު ނުރައްކާތެރި ކުޅިވަރެކެވެ. މިއަދު އިންޑިއާއަކީ އިޒްރޭލުން ފަލަސްތީނާއި އިރާން ފަދަ ގައުމުތަކާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގައި އަމަލީ ގޮތުން ބައިވެރިވާ، އިސްލާމީ އުންމަތުގެ ދުޝްމަނެއްކަން މި ހާދިސާއިން ވަނީ ސާބިތުވެފައެވެ.










