
އިންޑިއާގެ ހަރުކަށި ހިންދޫންގެ ގްރޫޕަކުން މުސްލިމަކަށް ރަހުމްކުޑަ އަނިޔާތަކެއް ކުރުމަށްފަހު، ގަދަކަމުން ގެރި ގުއި ކާންދީ އޭނާ މަރާލި ހިތާމަވެރި ހާދިސާއެއް ފެންމަތިވެއްޖެއެވެ. މި ލާއިންސާނީ އަމަލު ހިންގާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބައިއަތު ހިފާ، ހަރުކަށި ފިކުރުގެ "ގޯ ރަކްޝަކް" ނުވަތަ ގެރި ހިމާޔަތްކުރާ ގްރޫޕަކުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ އުތުރުގެ ސަރަހައްދެއްގައެވެ. އަނިޔާވެރި ގްރޫޕުން ވަނީ އެ މުސްލިމް މީހާއަށް ގަދަކަމުން ގެރި ގުއި ކާންދޭ މަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އޭގެ ފަހުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، މަރާލާފައިވަނީ އެއްވެސް ރަހުމެއް ނެތިއެވެ.
އިންޑިއާއަކީ އަބަދުވެސް މުސްލިމުންނަށް އިހާނާތިކޮށް، ތަފާތުކުރުންތަކާއި އަނިޔާވެރިކަން ކުރިމަތިކުރުވަމުން އަންނަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމެކެވެ. ވަކިން ޚާއްސަކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް ވަނީ ހައްދުން ނައްޓާފައެވެ. މޯދީގެ ސަރުކާރުގެ ހިމާޔަތް ލިބިގެން ހިންގާ މިފަދަ ހަރުކަށި ގްރޫޕުތަކުން މުސްލިމުންގެ ފުރާނައާއި މުދަލަށް ދެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އިންޑިއާގައި މުސްލިމުންނާ މެދު މިފަދަ އަނިޔާވެރި، ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުން އެ ގައުމާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިސްލާމީ އުއްމަތުގެ ބަޔަކަށް މިފަދަ ބޮޑެތި އަނިޔާތަކެއް ދެމުންދާ ބަޔަކާ ގުޅުން ބަދަހިކުރުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިންޑިއާއަށް ފާޑުކިޔަމުންދާއިރު، މުސްލިމުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށް އެދެވޭ އެއްވެސް ފިޔަވަޅެއް އެ ގައުމުގެ ސަރުކާރުން އަޅަމުން ނުދާކަން ފާހަގަކުރެވެއެވެ.










