March 11, 2026
Advertisement
Dr Jameel
Dr Jameel / ސޯޝަލް މީޑިއާ

އިންތިޚާބުތައް އެއްކޮށްލުމަކީ ގާނޫނު އަސާސީގެ އޮނިގަނޑު ރޫޅި، ނުބައިކަމަށް ހުޅުވޭ ދޮރެއް: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 10, 2026, 09:31 PM
މާލެ ސިޓީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Advertisement

މިނިސްޓަރ އަލީ އާރިފް ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ގާނޫނު އަސާސީގެ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑު ރޫޅިގެންދާނެ ކަމެއް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ރައީސަށާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވާނެ ތަޖުރިބާހުރި މަޖިލީހެއް އޮންނަ ގޮތަށް ކަމަށާއި، މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ތަހުޒީބު ޑިމޮކްރަސީތަކުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ނުބައިކަމަށް ޖާގަ ލިބޭ ކޮންމެ ދޮރެއް ބަންދުކުރުމަކީ ދީނީ އުސޫލެއް ކަމަށާއި، މި ރެފްރެންޑަމަކީ އެތައް ގޯހަކަށް މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި އަލީ އާރިފް ދައްކަވާ ވާހަކަތަކަކީ ކީރިތި ގުރުއާނުގެ އައްޒުޚުރުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ މުޝްރިކުންގެ ވާހަކަތަކާ އެއްފަދަ، ބުއްދިއަށް ގަބޫލުނުކުރެވޭ ދެކޮޅުނުޖެހޭ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އިންތިޚާބުތައް އެއްކޮށްލަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، މި ސަރުކާރުން ޚަރަދުގެ ވާހަކަ ދެއްކުމަކީ ޑޮނަލްޑް ޓްރަމްޕް ނޯބަލް ޕީސް ޕްރައިޒް ހޯދަން އުޅުން ކަހަލަ މަޖާ ކަމެއް ކަމަށެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި، ކުންފުނިތަކަށާއި އެމްބަސީތަކަށް ކުރާ ޚަރަދު އިންތިޚާބެއްގެ ޚަރަދަށްވުރެ އެތައް ގުނައެއް ބޮޑު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ކިޔަވައިގެން ތިބި މީހުންގެ ބަދަލުގައި "ރުވައިބިޟާ" ނުވަތަ ތަންދޮރު ނުދަންނަ މީހުން ރައްޔިތުންގެ ކަންކަމުގައި ބަސްބުނަން ތިބުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އަލީ އާރިފާއި، އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުންނަކީ އިލްމީ ވާހަކަދައްކަން ނޭނގޭ، ފަހު ވަގުތު ސަރުކާރު ކޯލިޝަނާ ގުޅުނު ބޭފުޅުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ޑރ. ޖަމީލްގެ ޕޯސްޓް ނިންމަވާލެއްވީ، މި ރެފްރެންޑަމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، މީގެ ނަތީޖާ ގޯސްވާނެތީ އެކަމަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް ބާރުއަޅުއްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved