
ދިވެހި ރައްޔިތުންނަކީ ގަމާރުންތަކެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ވެރިން ދެކެނީތޯ އައްސަވާ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއް އައްބާސް ވަނީ ޕީއެންސީއިން އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ މުދަލާ ފައިސާވެސް ނަހަމ ގޮތުގައި ބޭނުންކޮށްގެން އެ އިންިތހާބުތައް ކާމިޔާބު ކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
އެގޮތުން ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައްޔިތުންގެ ޓެކުސް ފައިސާ ކޮޅު ވަގަށް ނަގައިގެން މުޅި މާލޭގައި އާ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަރުކާރުގެ ވެރިންނާ ހަތަރެސްފައި ބަދެވި އަނގަ ބަންދުވެފައި ތިއްބެވި ރައްޔިތުންގެ މަޖިލީސް މެންބަރުން ދަތުރުކޮށް ޕީއެންސީގެ އޮފީސްތައް ހުޅުވައިގެން ރައްޔިތުންނަށް ދޮގު ބުނެ އޮޅުވާލުން ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
ދުނިޔެ ހަމގުރާމައިގެ ބޮޑު ކާރިސާ އަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅުއްވީ ކޮންފިޔަވަޅެއްތޯ ސުވާލުކުރައްވާ އައްބާސް ވަނީ، މިއަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރުގެ ލޯނު ދައްކަން ޖެހޭއިރު ބޮޑު އިންޓުރެސްޓުގައި ލޯނު ނުނަގާ ލޯނު ދެއްކޭނެ ވަރަށް ދަޢުލަތުގައި ފައިސާ އެބަހުރިތޯވެސް އައްސަވާފައެވެ.
މީގެ އިތުރުން ދައުލަތަށް ވަންނަހާ ފައިސާއިން ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ ބޭނުމަށް ހަރަދުކޮށްފައި ޤައުމާއި ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކޮށް ދަރަނިން މިންޖުވާނެ ދުވަހެއް އަންނާނެތޯ ވެސް އައްސަވާ ވަރުގަދަ ސުވާލުތަކަކުން އައްބާސްގެ ބަހުގެ ހަމަަލާތަކެއް ސަރުކާރަށް އަމާޒުކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ފެއްޓެވި ތަރައްޤީގެ ޕްރޮޖެކުޓުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރިކަން ފާހަގަކުރައްވާ އައްބާސްވަނީ އެކަން އެހެން ހުއްޓާ އަނެއްކާ ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އަނެއްކާ ވެސް ޕްރޮޖެކްޓުތަކެއްގެ ބިންގާ އަޅުއްވާ، ފޮޓޯ ނަގައިގެން އުޅެނީ ރައްޔިތުންނަކީ ގަމާރުންކަމަށް ދެކޭތީތޯ ވެސް އައްސަވާފައެވެ.
އައްބާސްގެ ނުރުހުން މި މިންވަރަށް ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު، ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް ކަނޑަ ވިއްދިއަސް މި ސަރުކާރަށް ތާއީދުނެތް ކަމަށް ގިނަ ަބޔަކު ބުނަމުންދެއެވެ.










