March 13, 2026
Advertisement
Nasheed
Nasheed / -

އިންޑިއާއިން ތެޔޮ ބޭނުންނަމަ ދެ އިންތިޚާބު އެއްކޮށްލުމާއި ދޭތެރޭ އަދި ވިސްނުމަށް ނަޝީދު އެދެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 12, 2026, 09:09 PM
މާލެ ސިޓީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރެންޑަމްއާ މެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

Advertisement

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަ އެއްވެސް ބަދަލަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ އިސްލާހުތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭހެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ނިންމާ ނިންމުންތަކަކަށް ވާންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

"ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަން،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެފަދަ ބޮޑެތި އެހީތަކަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރު ގައުމެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް ސާބިތުކޮށްދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަކީ މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި އެންމެ ގާތުން އެހީތެރިވި ގައުމުކަން ނަޝީދު ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ރެފެރެންޑަމް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ. އެ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved