

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ޕާޓީ ރަޖިސްޓަރީ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރޭގައި ބާތިލް ފޯމެއް ނެތްކަމަށާއި ގިނައީ އިދާރީ މައްސަލަތަކެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕާޓީގެ ފަރާތުން ޗެނަލް 13 އަށް މައުލޫމާތު ދެމުން، ޕާޓި އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ 3000 ފޯމް ހުށަހެޅުނުކަމަށެވެ. އަދި އެ ފޯމްތަކަކީ ބާތިލް ފޯމްތަކެއް ނޫންކަމަށާއި ފޯމް ތަކުގައި ހުރީ އިދާރީ ކުދި ކުދި މައްސަލަތަކެއް ކަމަށެވެ.
މިކަމާ ގުޅިގެން ޗެނަލް 13 އަށް އިތުރު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އެ ޕާޓީން ކޮމިޝަނަށް 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ.
ހަބީބް އިތުރަށް ވިދާޅުވީ ފޯމްތަކުގެ ތެރެއިން 1976 ފޯމްގެ ސައްހަކަން ކަށަވަރުވެފައިވާ ކަމަށެވެ.
ފޯމް ތަކުގައި ދިމާވެފައި ހުރި ކުދި ކުދި މައްސަލަތައް ހައްލުކޮށްގެން ގާތްގަނޑަކަށް 3013 ފޯމް ހަމަވާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ޕީއެންއެފް ރަޖިސްޓަރީ ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.