March 20, 2026
Advertisement
-
- / އެޓޮލް ޓައިމްސް

މާފަންނު ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާ: 450 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 12:51 PM
މާލެ ސިޓީ

މާލޭގެ މާފަންނު އަވަށުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު 454 މީހަކު އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

Advertisement

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މާފަންނު އިއްޒުދީން މަގުގައި ހުންނަ މ. ކައިރުގޭގައި ގާއިމުކޮށްފައިވާ ”ޕްރައިމް ގޯޑައުން 1“ ގައެވެ. އަލިފާން ރޯވުމާއެކު ސަލާމަތީ ބާރުތަކުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ރޭ ދަންވަރު 2:30 އާ ހަމައަށް ޖުމްލަ 15 ގެއަކުން މީހުން ހުސްކޮށްފައެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި މި ގެތައް ހުސްކުރަން ޖެހުނީ އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު ނުރައްކާތެރި މިންވަރަކަށް ކުރުމާ ގުޅިގެންނެވެ.

އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި 454 މީހުންގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ. ހާލުގައި ޖެހުނު ބިދޭސީންގެ ތެރެއިން 280 މީހަކާ އެމީހުންގެ ވަޒީފާދޭ ފަރާތްތަކުން މިހާރު ހަވާލުވެފައިވާއިރު، އިތުރު 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކި ކަހަލަ އުނދަގޫތަކާ ގުޅިގެން ޖުމްލަ 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. ނަމަވެސް އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅުވެ، ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.

އެންޑީއެމްއޭ އިން މިހާރު ވަނީ ބޯހިޔާވަހިކަން ބޭނުންވި 10 ގެއެއްގެ 77 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބައެއް އާއިލާތަކުން އަމިއްލައަށް އެމީހުންގެ ތިމާގެ މީހުންގެ ގެތަކަށް ބަދަލުވެފައިވާކަންވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved