

ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރުގައި އަލިފާން ރޯވި ނަމަވެސް އެކަން ފަޔަރ ޑިޓެކްޓަރއިން ޑިޓެކްޓުނުކުރުމުން އަލިފާން ރޯވި ފްލެޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ރޯވީ ހިޔ ޓަވަރުތަކުގެ އެއް ވަނަ ޓަވަރުގައެވެ.
މި ފްލެޓުގައި ރޯވެ ޖެހިގެން ހުރި ފްލެޓުތަކަށްވެސް ކޮންމެވެސް ވަރެއްގެ އަސަރު ކުރި ނަމަވެސް އެއްވެސް ބަޔަކަށް އެކަން ރޭކާ ލާފައި ނުވަނީ އެހާދިސާގައި އިމާރާތުގެ ފަޔާ އެލާމްތައް ނާޅާތީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ހާދިސާ ހިނގާ ދިޔަ ފްލެޓާ އިން ވެގެން ހުރި ފްލެޓުގައި ދިރިއުޅެމުންދާ އާއިލާއަކުން މައުލޫމާތު ދިން ގޮތުގައި އެމީހުންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ރޭކާލީ އާއިލާގެ މެމްބަރަކު ފާޚާނާއަށް ވަތް ވަގުތު ފެން ލައިޓުން ދުމުގެ އަސަރު ފެނުމުން ބޭރަށް ނުކުމެ ބެލި ބެލުމުން ކަމަށެވެ.
މީގެ އިތުރުން މިފަދަ ހާލަތެއް ދިމާވުމުން ގުޅާ ނަންބަރު 118 އިން ވެސް ގުޅައިގެން ފޯނެއް ނުނެގި ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރޯވި ފްލެޓުގައި މީހުންނަށް ދިރިނޫޅޭވަރުވެފައިވީ ނަމަވެސް ވަގުތީ ހިޔާވަހިކަން ވެސް ސަރުކާރުން ފޯރުކޮށްދީފައި ނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މި ހާދިސާގައި ހިޔާ ޓަވަރުގެ ފަޔާ އެލާމް ސިސްޓަމްތައް މަސައްކަތް ނުކުރުމުން އިމާރާތުގައި ދިރިއުޅޭ ގިނަ އަދަދެއްްގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަލިފާން ރޯވުމާއެކު އެލާމްތައް ނާޅާ ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، ފަޔަރ އެލާމިން ސިސްޓަމްތައް ނިއްވާލާފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މައުލުމާތު ސާފުކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ނުުދޭތީ އެ ފަރާތްތަކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސަލާމަތީ ނިޒާމުތަކުގެ މިފަދަ ބަލިކަށި ކަމަކީ ހިޔާ ޓަވަރުތަކުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ ކަމެކެވެ.