ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދިފާއުގައި ބަސް ބުނެ ޚަބަރުތައް ގެންނާނެ ޓީވީ ސްޓޭޝަންއެއް ނެތުމުން އެކަމުގެ ކަންބޮޑުވުމާ އެކު ޓީވީ ސްޓޭޝަނެއް އުފައްދަން މަޝްވަރާތައްކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ "އާރުޖޭ ޑރ. މުއިއްޒު (ޕީޕީއެމް/ޕީއެންސީ)"ގެ ނަމުގައި ހިންގާ ވަޓްސް އެޕް ގްރޫޕެއްގައެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ ސްކްރީނު ޝޯޓުން ފެންނަ ގޮތުގައި އެ ގްރޫޕުގައިވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ޓީވީ ސްޓޭޝަންތަކުން ބަސް ބުނެ ޚަބަރު ނުގެންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ރާއްޖެ ޓީވީއަކީ ރައީސް އިބޫ ޕްރޮމޯޓުކުރާ އެމްޑީޕީއިން ހިންގާ "ދޮގު ދޮލަނގެއް"ގެ ގޮތުގައި ސިފަކޮށްފައިވާއިރު ޗެނަލް13 އަކީ ރައީސް ޔާމީންގެ "ދޮގު ދޮލަނގު"ގެ ގޮތުގައިވެސް ސިފަކޮށްފައިވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާ، ޒުވާނުންގެ ވުޒާރާގެ ދެ ނައިބުން ކަމަށްވާ މަލްޝާ ޝަރީފުއާ މަރިޔަމް ޝީއުނާގެ އިތުރުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ޓެގުކޮށް އެ ގްރޫޕުގައި ވަނީ ރައީސް މުއިއްޒު ދިފާއު ކުރާނެ ޓީވީ ސްޓޭޝަނެއް މިވަގުތަށް ވަރަށް މުހިއްމުކަމަށް ބުނެފައެވެ.
މި ސްކްރީން ޝޮޓުތައް ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓުން އާންމުކުރުމުން، އެ ގްރޫޕުގެ އެއް އެޑްމިން ކަމަށްވާ ޒުވާނުންގެ ވުޒާރާއިގެ ނައިބު ޝިއުނާ ވަނީ ބައެއް މެމްބަރުން އެ ގްރޫޕުން ބޭރުވެސް ކޮށްފައެވެ.
ޝިއުނާ ވަނީ ރައީސް މުއިއްޒު އިންތިހާބުވިތާ ގިނަ ދުވަސްތަކެއް ނުވެ އެ ގްރޫޕުގައި ތިބި ޗެނަލް13ގެ ގިނަ ނޫސްވެރިން ބޭރުވެސްކޮށްފައެވެ. ބޭރުކުރި ޚިއްވެތޯ ސުވާލުކުރުމުން އޭރު ޝިއުނާ ބުނެފައިވަނީ ނޫސްވެރިން ހިމަނައިގެން އައު ގްރޫޕެއް އުފެއްދުމަށް ކަމަށެވެ. ނަމަވެސް އަދި އަދާ ހަމައަށް ވެސް އެބުނާ ގްރޫޕެއް އުފެއްކިކަމެއް އެނގިފައިނެތެވެ.