June 20, 2026
Advertisement
-
-

ސީރިއާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 20, 2026, 12:43 AM
މާލެ ސިޓީ

މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ އުދުވާނުތަކުގެ ތެރެއިން، ސީރިއާއާ ދެކޮޅަށް "ލަސްނުކޮށް" ހަނގުރާމައަށް ދާންޖެހިދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ މިނިސްޓަރަކު ދެއްވުމާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

Advertisement

މި އިންޒާރު ދެއްވީ އިސްރާއީލުގެ ޑައިސްޕޯރާ އެފެއާޒް މިނިސްޓަރު އަމިޗައި ޗިކްލީއެވެ. އިސްރާއީލުގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 103އެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޗިކްލީ ވިދާޅުވީ، ސީރިއާ އާއި ތުރުކީއަކީ އީރާނަށްވުރެ ވެސް އިސްރާއީލަށް އޮތް ގޮންޖެހުން ބޮޑު ދެ ގައުމު ކަމަށެވެ. އަދި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވާނަމަ، ސީރިއާއާ ސީދާ ކުރިމަތިލުމަކަށް ދިއުން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތައް އިސްރާއީލުން ފެންމަތިކޮށްފައި މިވަނީ، ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމުގެ މަގުސަދުގައި އެމެރިކާއާއި އީރާނާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނިކޮށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން މިފަދަ ހަރުކަށި އިންޒާރުތަކެއް ދެނީ ވޮޝިންޓަން އާއި ތެހެރާނާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން ރަނގަޅުވުމަކީ އިސްރާއީލުގެ އިސްތިއުމާރީ މަގާމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލައި އެކަމާ ބިރުންނެވެ.

އަހަރުތަކެއްގެ ދާޚިލީ ހަމަނުޖެހުންތަކަށްފަހު ސީރިއާ ހަމައަކަށް އެޅެމުންދާއިރު، އިސްރާއީލުން އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަކީ މުޅި ސަރަހައްދު އިތުރު ފިތުނައެއްގެ ތެރެއަށް ވައްޓާލުން ކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ސިފަކުރެއެވެ. އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގުވާމީ މަސްލަހަތު ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ޗިކްލީގެ މި ވާހަކަތަކާ ގުޅިގެން ސީރިއާ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އިސްރާއީލުގެ މިފަދަ ޒިންމާދާރުކަން ކުޑަ އިންޒާރުތަކުގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިސްރާއީލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަވަށްޓެރި ގައުމުތަކުގެ ސަލާމަތަށް ނުރައްކާކޮށް، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ކަމަށް މި ހާދިސާއިން އަލުން ހާމަވެގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved