
ގާނޫނު ނުދަންނަ އެއްޗެއްގެ ބޭނުންކޮށްގެން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހުން، އެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އުސޫލު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވުމާ ގުޅިގެން އަލީ ވަނީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި ، ރައީސް ވިދާޅުވި ކަމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަން ފާހަގަކުރައްވާ އަލީ ވިދާޅުވެފައިވަނީ، ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މިލްކުވެރިކަމުގެ ޙައްޤުތަކާއި އުސޫލުތަކަށް "އުސޫލު" ކިޔާ ލިޔުމެއްގެ ދަށުން ބަދަލު ގެނައުމަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ އަދި ހަމަވެސް ޖެހޭ ކަމެއް ނޫން ކަމަށެވެ.
މިހާރު އުސޫލު އޮންނަ ގޮތުން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ ނަމަ އެތަން ދައުލަތަށް ދޫކޮށްލަން ޖެހޭ ނަމަވެސް އެ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި، އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ދަރިން، ނުވަތަ އެއްބަނޑެއްބަފާ މީހުންގެ ތެރެއިން ބޭނުން މީހަކަށް އެ ބިން ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައި ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވީ ހޯމަ ދުވަހުއެވެ.ބިންކޮޅު ހަމައެކަނި ސަރުކާރަށް ދޫކޮށްލަން ޖެހޭނީ މިހާރު ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ދޫކޮށްލާ ހާލަތުގައި އެކަނި ކަމަށް ވެސް އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.










