March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާން-އިސްރާއީލް ހަނގުރާމަ ހުއްޓުވުމަށް ތުރުކީން ގަލްފް ގައުމުތަކާ އެކު މަޝްވަރާ ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 04:42 PM
މާލެ ސިޓީ

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ޙުއްޓުވުމަށްޓަކައި ތުރުކީން ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށައިފިއެވެ. ބްލޫމްބާގް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތުރުކީގެ އަމާޒަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ގަލްފްގެ އަރަބި ގައުމުތަކުން ބައިވެރިވުން ހުއްޓުވުމެވެ.

Advertisement

މި މަސައްކަތުގެ ދަށުން ތުރުކީގެ އިސްވެރިން ދަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރު ފަދަ ގައުމުތަކާ ގާތް ގުޅުމެއް ބާއްވައި، މި ނުރައްކާތެރި ދަނޑިވަޅުގައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބާރުއަޅަމުންނެވެ. ތުރުކީން ބޭނުންވަނީ ގަލްފްގެ ގައުމުތަކުގެ ވައިގެ ސަރަހައްދު އިސްރާއީލުގެ ހަމަލާތަކަށް ބޭނުންކުރުން ހުއްޓުވައި، އިތުރު ލޭއޮހޮރުވުމަކަށް ފުރުސަތު ނުދިނުމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށާއި ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން މުޅި މެދުއިރުމަތި ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި، މުސްލިމް ގައުމުތައް ގުޅިގެން އިސްރާއީލުގެ އުދުވާންތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ތުރުކީ އިން މިކަން ހާމަކޮށްފައި މިވަނީ އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމަށް އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަމުންދާ އިރުގައެވެ. ތުރުކީން ގަބޫލުކުރާ ގޮތުގައި މި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއަށް ގަލްފް ގައުމުތައް ވަދެއްޖެނަމަ، މުޅި ސަރަހައްދުގެ އިގްތިސާދަށާއި ސަލާމަތަށް އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ދަނީ ސަރަހައްދީ ބާރުތަކާއެކު މެދުކެނޑުމެއްނެތި މަޝްވަރާކުރައްވަމުންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކަށް އެހީތެރިވުމުގެ ބަދަލުގައި، ސަރަހައްދީ ސުލްހަ އިސްކުރުމަށް އަރަބި ގައުމުތަކަށް ބާރުއެޅުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved