
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެ ގައުމަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިޢުލާން ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ތުރުކީގައި ބޭއްވި ބޮޑު އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް އުރުދުޣާން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޓެރަރިސްޓެއް ފަދަ ބޭފުޅެއް ކަމަށާއި، އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"އަޅުގަނޑުމެން ތިމީހުން ދުނިޔެއަށް ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި އިޢުލާން ކުރާނަން. އަޅުގަނޑުމެން މިވަގުތު މިދަނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ވަމުން،" އުރުދުޣާން ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ ޤަތުލުއާންމުގެ މައިގަނޑު ކުށްވެރިއަކީ ހުޅަނގުގެ ގައުމުތައް ކަމަށް ތުހުމަތު ކުރައްވަމުން އުރުދުޣާން ވަނީ އަނެއްކާވެސް މުސްލިމުންނާއި ނަސާރާއިންގެ ދެމެދު ހަނގުރާމައެއް ހިންގަން ބޭނުންވަނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ތުރުކީއަކީ މަރުވެފައި އޮތް ގައުމެއް ނޫން ކަމަށާއި، ގައުމުގެ ދިފާއުގައި ތުރުކީ އޮތީ ތައްޔާރަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި އެއްވުމުގައި އެތައް ހާސް ބަޔަކު ތުރުކީގެ ގައުމީ ދިދައާއެކު ބައިވެރިވެފައިވާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އާންމުންގެ ޝުއޫރުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައިވަނީ އިސްރާއީލުގެ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތްތަނުގައި އީރާނާއި ތުރުކީއަށް ވެސް ނުރައްކާ އޮތް ކަމަށެވެ.
ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން އިސްރާއީލުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަދަ ހޫނު ބަހުގެ ހަމަލާތަކަކީ ސަރަހައްދީ ސިޔާސީ ނުތަނަވަސްކަން ބޮޑުވާ ދަނޑިވަޅުތަކުގައި އާންމުކޮށް ފެންނަ ކަންކަމެވެ.
މި ޖަލްސާއަކީ ފަހުގެ ތާރީޚެއްގައި ތުރުކީގައި އިސްރާއީލާ ދެކޮޅަށް ބޭއްވުނު އެންމެ ބޮޑު އެއްވުމެވެ. މި ހަރަކާތުން ދޭހަވަނީ އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް އޮތް ބޭނުންތެރިކަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.









