ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވަގުތު އެންމެ މުހިންމީ އިންޑީޔާ ސިފައިން ތިބި އަދަދު ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލް ޖުމުހުރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑީޔާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް ވިދާޅުވީ މުހިންމީ ސިފައިން ތިބި އަދަދެއް ނޫން ކަމަށާއި އެ މީހުން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.
"މިކަމާ ގުޅިގެން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ތަފާތު މަރުހަލާތަކުގައި ތަފާތު މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާރު ވަނީ ބޭއްވިފައި. ކުރިއަށް މުހިންމު ބައްދަލުވުންތަކެއް ވަނީ ތާވަލް ކުރެވިފައި،" ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ވީ އެންމެ ބޮޑު އެއް ވަޢުދަކީ ރާއްޖޭގައި މިވަގުތު ތިބި އިންޑިޔާ ސިފައިން ދިވެހިރާއްޖެއިން ފޮނުވާލުން ކަމަށް ވާއިރު އެކަން ކުރުމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވީ ނަމަވެސް އަދިވެސް އެ ގައުމުގެ ބަހެއް މިކަމުގައި ލިބިފައިނުވާތީ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރުގެ ވާހަކަތައް ދޮގުކުރަމުންނެވެ.
އިދިކޮޅުގައި މިހާރުގެ ސަރުކާރު އޮތް އިރު ޑިމާންޑް ކުރަމުންދިޔައީ ކުރީގެ ސަރުކާރަށް އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމަށެވެ. އެހެންނަމަވެސް މިއަދު ހުރިހާ ފަރާތްތަކުންވެސް އަދުގެ ސަރުކާރަށް އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމަށް ގޮވާލުމުން އަދަދު މުހިންމު ނޫން ކަމަށް ބުނުމުން އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.