
ކަޅު ކަނޑުގައި ދަތުރު ކުރަމުންދިޔަ ތުރުކީގެ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.
ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ވިދާޅުވީ، އެ ގައުމުގެ 27 ފަޅުވެރިންނާއެކު ދަތުރުކުރި އެ ގައުމަށް ނިސްބަތްވާ ސާފު ނުކުރާ ތެލާއެކު ދަތުރު ކުރަމުންދިޔަ ޓޭންކަރަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ތުރުކީގެ އަނަޑޯލޫ ނޫސް އޭޖެންސީން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
މި ހާދިސާގައި ބޯޓަށް ލިބުނު ގެއްލުންތައް އަދި ސާފެއް ނޫނެވެ.
ތުރުކީގެ އެންޓީވީ ނިއުސް ޗެނަލުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އުޅަނދަކީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ ބެސިކްޓަސްގެ މިލްކިއްޔާތުގައި އޮންނަ ބޯޓެކެވެ.
އެ ބޯޓަކީ ރަޝިއާގެ ނޮވޮރޮސިސްކް ބަނދަރުން އެއް މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ހިފައިގެން ތުރުކީއަށް ދަތުރު ކުރަމުން އައި ބޯޓެކެވެ.










