
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ނެރެފައިވާ އަމުރަކާ ގުޅިގެން ފުލުހުންގެ ބަންދަށް ގެނެސްފައި ހުރި މީހެކެވެ. އޭނާ ފެނުނީ ބަންދުގައި ހުރި ގޮޅި ތެރޭގައި ހަބަރު ހުސްވެފައި އޮއްވައެވެ.
އެ މީހާ ހަބަރު ހުސްވެފައި އޮއްވާ ފެނުމާއެކު، ފުލުހުން ވަނީ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ފުލުހުން ވަނީ މި މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި މައްސަލަ މިހާރު ވަނީ ހުށަހަޅާފައެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.










