
ހުޅުމާލޭގެ ވިނަރެސް ފްލެޓެއްގައި ގަވާއިދާ ހިލާފަށް ކޮމާޝަލް ލޯންޑްރީއެއް ހިންގަމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.
މީހުން ދިރިއުޅޭ އެޕާޓްމަންޓެއްގައި ސިނާއީ ފެންވަރުގެ މިފަދަ މަސައްކަތެއް ކުރަމުންދާތީ، އޭގެ ސަބަބުން ވަށައިގެންވާ ފްލެޓްތަކުގެ ފާރުތައް އާދަޔާ ހިލާފަށް ހޫނުވެ، ދިރިއުޅެން ދަތިވާ މިންވަރަށް ފިނިހޫނުމިން މަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މެދުނުކެނޑި އިވޭ ބާރު އަޑުފަށާއި، މުޅި ސަރަހައްދުގައި ހިފާފައި ހުންނަ ގޭހުގެ ވަހުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ބުނި ގޮތުގައި، މި މައްސަލަ އެތައް ފަހަރަކު އެޗް.ޑީ.ސީ އަށް ރިޕޯޓުކޮށްފައި ވީނަމަވެސް، މިހާތަނަށް އެ އިދާރާއިން އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިކަމުގެ ސަބަބުން ކުއްލި އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކާތެރި ކަމެއް ހިނގައިފާނެތީ، ވިނަރެސްގައި ދިރިއުޅޭ އާއިލާތަކުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.










