
އެންމެ 100 އެއްހާ ޑޮލަރުގެ ކުޑަ "ފީޑިންގ ޓިއުބެއް" ރާއްޖެއަށް ނުގެނެވި އަށް މަސް ދުވަސް ވޭތުވެ، އުމުރުން އެންމެ ހަ އަހަރުގެ އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހިތާމަވެރި ޚަބަރާއެކު މުޅި ޤައުމު މިވަނީ ހިތާމައިގެ ސާލެއް އޮޅިފައެވެ. މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި އިހުމާލުތަކާއި މެދު އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
ޚާއްޞަކޮށް، ކުޑަ ފީޑިންގ ޓިއުބެއް ފަދަ ޒަރޫރީ ސާމާނު ހޯދައިނުދެވި މިހާ ގިނަ ދުވަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުުން ފާޅުކުރަމުންނެވެ. މި ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ މެދު ސުވާލު އުފައްދަމުންދާއިރު، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މީސްމީޑިއާގައި ޚިޔާލުފާޅުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ދައުލަތުގެ ބޮޑު ދެ މަގާމު ކަމަށްވާ ސަރުކާރުގެ ތަރުޖަމާނުކަމާއި އެންސްޕާގެ ސީއީއޯގެ މަގާމު އެކަކު ފުރުއްވަމުން ގެންދެވުމަކީ އިދާރާތައް ބޮއްސުންލައިގެން ދިޔަ މައިގަނޑު ސަބަބެވެ. "ދުނިޔޭގެ ކޮން ގައުމެއްގަ ހެލްތް ކެއާރ އާ ގުޅޭ ދައުލަތުގެ ބޮޑު އިދާރާގެ ވެރިޔަކަށް ޕާޓް ޓައިމް ކޮށް މީހަކު ހުންނަނީ؟" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމުގައި ހީނާ ވަލީދުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، އޭނާގެ އިސްތިއުފާއަށް ބާރަށް ގޮވަމުންނެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މިފަދަ ފުރާނައާ ގުޅުންހުރި ކަންކަމަށް އިސްކަން ނުދީ، އިސްރާފު ބޮޑު ކަންކަމަށް ޚަރަދު ކުރަމުންދާ ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަޛާންގެ ވަކިވެދިއުމާއެކު ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމާއި، އާސަންދަ އަދި އެންސްޕާ ފަދަ މުއައްސަސާތަކުގެ ހިންގުން ފޭލްވެފައިވާ މިންވަރު މިވަނީ ހާމަވެފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް ތަފްސީލީ ޖަވާބެއް ދީފައި ނުވާއިރު، ރައްޔިތުން އެދެމުންދަނީ މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޒިންމާވާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށެވެ.










