
ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދީ ހާލަތަށް ބެލުމެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި މަގާމުތައް ބަހައި ދައުލަތުގެ ޚަޒާނާ ލޫޓުވަމުންދާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ޑރ. ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ގައުމަށް އެއްވެސް އިޚްލާސްތެރިކަމެއް ނެތި، ހަމައެކަނި ސިޔާސީ ފައިދާއަށްޓަކައި ބޭނުމެއް ނެތް ބޮޑެތި މަގާމުތައް އުފައްދައި ބެހުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށެވެ. އަދި މިފަދަ މަގާމުތައް ދެމުންދަނީ ގައުމުގެ ހާލަތަށް އެއްވެސް ބެލުމެއް ނެތި، ދުރުގައި ތިބި ބަޔަކަށް އަމާޒުކޮށްގެން ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ މީހުން ގުޅެމުންދަނީ ގައުމީ ލޯތްބެއް އޮވެގެން ނޫން ކަމަށާއި، އެއީ ހަމައެކަނި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް "ވެހޭތާ ފެންނެގުމުގެ" އުސޫލުން ކުރާ ކަމެއް ކަމަށެވެ. ބޭނުމެއް ނެތް ސިޔާސީ މަގާމުތައް އިތުރުކުރުމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ އޮނިގަނޑު ފަސާދަވެފައިވާ ކަމަށާއި، އިގްތިސާދު ދަށަށްދާ ވަރަކަށް ދައުލަތުގެ ޚަޒާނާ ލޫޓުވުން އިތުރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި، ރައީސް މުއިއްޒަށާއި ޕީއެންސީއަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް ޑރ. ޖަމީލް ގޮވާލެއްވިއެވެ. އަދި ކުރިއަށް އޮތް ރެފްރެންޑަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެ ކަމަށްވެސް ރައްޔިތުން "ނޫނެކޭ" ވިދާޅުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.




