
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އަލަށް 85 މުވައްޒަފުން ނަގައި، އެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހަކު 40,000 ރުފިޔާ ދެމުންދާތީ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިއީ ކަނޑައެޅިގެން ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަމިއްލަ މުދަލެއް ފަދައިން ބޭނުންކޮށް، ދައުލަތުގެ މުއައްސަސާތައް އާއިލީ ވިޔަފާރިތަކެއްގެ ގޮތުގައި ހިންގި ޒަމާން މިހާރު މާޒީވެފައިވާ ކަމަށް ވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފަށް އަމާޒުކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، މިފަދަ އަމަލުތަކަށް ޝަރީފް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި މި 85 މުވައްޒަފުންނަކީ ރައީސް އޮފީހުން ފޮނުވި ލިސްޓަކަށް ނަގާފައިވާ ބައެއް ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، މިއީ "ދުވާލު މެންދުރު ހިންގާ ބޮޑު ވައްކަމެއް" ގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ގައުމުގެ އިގްތިސާދީ ހާލަތު މިހާ ދަށް ފަންތިއެއްގައި އޮތް ދަނޑިވަޅެއްގައި، ކުންފުނީގެ އުސޫލުތަކުން ބޭރުން ސިޔާސީ ނުފޫޒުގައި ވަޒީފާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.







