
ދިވެހި ތާރީޚުގައި މިހާ ނާގާބިލު އަދި ސިޔާސީ ހަގީގަތްތަކާ ދުރު ވަޒީރުންގެ މަޖިލީހެއް އަދި މިހާތަނަށް އެކުލަވައިނުލާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. ޖަމީލް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ' ގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި މިހާރު ތިއްބެވީ އެއްވެސް އުސޫލެއް ނެތް "ތާކުންތާކު ނުޖެހޭ" ބައެއް ކަމަށާއި، މިއީ ގައުމުގެ ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ޑރ. ޖަމީލް ވިދާޅުވީ، އިންތިޚާބުން ބަލިވި އެއް ސަބަބަކީ ކައުންސިލް އިންތިޚާބާއެކު މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓު ކަމަށެވެ.
އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުން ހިންގި އަމަލުތަކަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އާންމުކޮށް ކައުންސިލް އިންތިޚާބުތަކަށް ސަރުކާރުތަކުން ބޮޑު ޚަރަދެއް ނުކުރި ނަމަވެސް، މި ފަހަރުގެ އިންތިޚާބަށް ސަރުކާރުން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިސްރާފުކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށްޓަކައި ދައުލަތުގެ މުޅި މެޝިނަރީ ބޭނުންކޮށް، ހުރިހާ ނުފޫޒެއް ފޯރުވި ނަމަވެސް ރައްޔިތުންގެ ނިންމުން ބަދަލުނުކުރެވުނު ކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ޑރ. ޖަމީލް ވިދާޅުވި ގޮތުގައި، ސަރުކާރުން އިންތިޚާބަށް ދިޔައީ މުޅި ސަރުކާރުގެ ބާރާއި ނުފޫޒު އިންތިހާއަށް ބޭނުންކޮށްގެން ކަމަށް ވިޔަސް، ސަރުކާރުގެ ތެރޭގައި ތިއްބެވި ނާގާބިލު ބޭފުޅުންގެ ސަބަބުން ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ.



