
ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަވަސް ރިޔާސީ އިންތިޚާބަކަށް ދިއުމަށް ގޮވާލައްވައިފިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުޙައްމަދު މަލީހު ޖަމާލް (މުންދު) އާއި ސަލްމާ މުޙައްމަދު މަގާމުން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލްގެ ޕޯސްޓްގައި މަޑުމައިތިރި ކަމަކީ الله ތަޢާލާގެ ކިނބައިން ލިބިގެންވާ ސިފައެއް ކަމަށާއި އަދި އަވަސްކޮށްގަތުމަކީ ޝައިތާނާގެ ސިފައެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ.
ޑރ ޖަމީލް ވިދާޅުވީ، މި ސަރުކާރު ގެނައުމަށްޓަކައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ވެވަޑައިގެންފައިވާ ގުރުބާނީ އާއި ހޭދަކުރެއްވި ވަގުތު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ އަމަލުތަކުން ފެންނަނީ ބޮޑާކަމާއި އަނިޔާވެރިކަން ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، މި ވެރިކަން ގެނައުމަށް ރައީސް މުޢިއްޒުގެ އާއިލާއިންނާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އާއިލާއިން ކުރި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް، މިއަދު ފެންނަނީ ރައީސް އޮފީހުން ފެށިގެން ދައުލަތުގެ ބޮޑަތި މަގާމުތައް އެ އާއިލާތަކުގެ ބޭފުޅުންނަށް ނުޙައްގުން ދީފައިވާ މަންޒަރު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުވާލައްވަމުން ޖަމީލް ވިދާޅުވީ، މިއަދު ސަރުކާރަކީ "ފެތެމުންދާ އޮޑިއެއް" ކަމަށާއި، އެ އޮޑީގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުން މިހާރު ތިބީ ރައީސް މުޢިއްޒަށް "ބޮޑުކޮށް ނޫނެކޭ" ބުނެފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިކަމުން މިންޖުވާން އެންމެ ރަނގަޅު ގޮތަކީ، 30 އިންސައްތަ ސަޕޯޓު އޮތް ވެރިޔަކު ބެހެއްޓުމަށްވުރެ އަވަސް ރިޔާސީ އިންތިޚާބަކަށް ދިއުން ނޫންތޯ؟" ޖަމީލް ސުވާލު އުފެއްދެވިއެވެ.
ސަރުކާރުގެ މަގާމުތަކުން ވަކިކުރެވުނު މުންދުއަކީ އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލައި އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.




