
ޖީބަށް ވަންނަ ބޮޑު ލާރިއަށް ވުރެ ގައުމާ މެދު ވިސްނާ ފިކުރު ހިންގާ ގައުމުގެ ކަންކަން އިސްކުރާނީ ކޮން އިރަކު ކަމާ މެދު މަޝްހޫރު ވިޔަފާރިވެރިޔާ ކެޕްޓަން އަހުމަދު މައުމޫނު، ރައީސް ޑރ މުހައްމަދު މުއިއްޒަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
މައުމޫނު ވަނީ ގައުމުގެ ސިއްހީ ހާލަތު ޖުމްލަތަކަތަކުން ބަޔާންކޮށްދީފައެވެ. ޚާއްސަކޮށް އަތޮޅު ތެރޭގައި ސިއްހީ ހާލަތު ހުރީ ކަންބޮޑުވުވާން ޖެހޭ މިންވަރަކަށް ކަން އެ ޕޯސްޓުން ހާމަވެއެވެ.
މައުމޫނު އޭނާގެ ފޭސްބުކް ހިއްސާކުރި އެ ޕޯސްޓުގައި ބުނެފައިވަނީ، ހަނީމާދޫ ހޮސްޕިޓަލުގައި އެކްސްރޭގެ ޚިދުމަތް ލިބެން ނެތުމުން ރައްޔިތުން އަރައި ފުރައިގެން ދާން ޖެހެނީ ކުޅުދުއްފުއްޓަށް ކަމަށެވެ. ހަމަ އެހެންމެ އަތޮޅު ތެރޭގައި ބަލި މީހަކު ސްޓޭބަލްކޮށްލަން ޖަހާނެ އިންޖެކްޝަނެއް ނެތިގެން އެވެސް ގެންނަން ޖެހުނީ މާލެއިން ކަމަށާ މާލެއިން ވެސް އެ އިންޖެކްޝަން ލިބުނީ ސެނެހިޔާ ހޮސްޕިޓަލުން އެކަނި ކަން އޭނާ ފާހަގަކޮށްފައިވެއެވެ.
ރައީސް މުއިއްޒާ ހެލްތު މިނިސްޓްރީއާ ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ އިތުރުން އެންސްޕާވެސް ޓެގުކޮށް މައުމޫނު ބުނެފައިވަނީ، މިއި މިއަދު އަހަރުމެން ދިވެހިންގެ ސިއްހީ ދާއިރާގެ ނިކަމެތި ދެރަ ހާލަތުގެ ހަގީގަތް ކަމަށެވެ. އޭނާވަނީ ވެރިން، އެމީހުންގެ ޖީބަށް ވަންނަ ބޮޑު ލާރިއާ މެދު ވިސްނުމުގެ ބަދަލުގައި ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާ މެދު ވިސްނާ ޖީބަށް ވުރެ ގައުމު އިސް ކުރާނީ ކޮން އިރަކުކަމާ މެދު ސުވާލެއް އަމާޒުކޮށްފައެވެ.
މައުމޫނު މިފަދައިން ވިދާޅުވެފައިވާއިރު، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވެސް މިހާރަކަށް އައިސް އެންމެ ބޮޑުވެފައިވާ އެއް ޝަކުވާއަކީ ގައުމުން އެދެވޭ ސިއްހީ ޚިދުމަތް ނުލިބުމާ ބޭނުންވާ ބޭސް ވެސް ނުލިބުމެވެ. އަދި މި ފަހަކަށް އައިސް ސިއްހީ ހިދުމަތް ލިބުމުގައި އިހުމާލުތަކުގެ ސަބަބުން އެތައް ފުރާނައެއް ދުނިޔެ ދޫކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.










